ރައީސް މުހައްމަދު މުއިއްޒަކީ ރަސްކަލަކު އަމަލު ކުރައްވާ ގޮތަށް އަމަލުކުރައްވަން ބޭނުންވާ ބޭފުޅެއް ކަމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި އާދިއްތަ ދުވަހުގެރޭ އިންނަވާ ރައީސް ޔާމީން ވަނީ އަތޮޅު ކައުންސިލްތައް އުވާލާ އަދި ޕީއެންސީ ޕްރައިމަރީގައިވެސް އަމަލުކުރި ގޮތަށް ނަޒަރު ހިންގަވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް ޕީއެންސީއިން ބޭއްވި ޕްރައިމަރީގައި ވަކި ބަޔަކަށް ފުރުސަތު ދޭން އެ ޕާޓީއިން ބޭނުން ނުވީ ރައްޔިތުންގެ ނުރުހުން އެނގޭތީ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ، އިލްމާ ހިލްމަކީ ރައީސް މުއިއްޒުއާ ޕީއެންސީއަށް މުހިއްމުކަމެއް ނޫންކަން ދޭހަވަނީ ވަޒީފާތަކަށް މީހުން އައްޔަންކުރަމުންދާ އުސޫލުން ކަމަށާ ކައުންސިލް އިންތިހާބުގެ ޓިކެޓުތައްވެސް ބަހާލީ ޕާޓީ މީހުންނަށްވެސް އިސްކަމެއް ދިނުމެއް ނެތި ބޭނުން ގޮތަކަށް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެއީ ރަސްކަލުން އަމަލު ކުރާ ގޮތް ކަމަށާ އެގޮތުން ރަސްކަލަކުވެސް ކަންކަން ބޮޑަށް ބެލުމެއް ނެތި އޭނަ ބޭނުންގޮތަކަށް ބޭނުން ބަޔަކަށް ކަންކަން ބަހާލާ ކަމަށެވެ. ރައީސް ވިދާޅުވީ ކުޑަ ކުޑަ ކަންކަމުގައި ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް އޮޅުވާލާ ދޮގު ހަދަމުން ކަމަށާ ވެރިން ދޮގު ހެދުމަކީ އާދައިގެ ކަންކަން ނޫން ކަމަށެވެ.
އާދައިގެ މީހަކާ ވެރިއަކަށް ހުންނަ މީހަކާ ދޮގު ހެދުން ވަރަށް ތަފާތު. މުއިއްޒު އުޅެން ބޭނުންވަނީ ރަސްކަލަކު އުޅޭ ގޮތަށް. ޕްރައިމަރީގައި ވަކި ބަޔަކަށް ފުރުސަތު ދޭން ޕީއެންސިއިން ބޭނުން ނުވީ ރައްޔިތުންގެ ނުރުހުން އެނގޭތީ.
ރައީސް ޔާމީން ވަނީ ދީނާ ޚިލާފަށް ވަލިއްޔުލް އަމުރު ކަންކަންކުރާ އިރު ބަސް ނުބުނެ ތިބެ ދީނީ އެހެން ކަންކަމުގައި އިލްމުވެރިން ފަތުވާ ނެރުމުގެ ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.