ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވަގު ވޯޓު އެޅިކަން ފަޅާއެރުމާ ގުޅިގެން މައްޗަންގޯޅި އުތުރު ދާއިރާގެ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުންތަކެއް ހިނގައި، އެ ދާއިރާގެ ޕްރައިމަރީ ޕީއެންސީއިން ބާތިލުކޮށް މެންބަރުންނަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ޕީއެންސީގެ ޕްރައިމަރީ ބޭއްވި ދުވަހު މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަކުރި އެއް ކެންޑިޑޭޓު ޔޫސުފު ޝަފީއު ހޮވަން ވަގު ވޯޓު އެޅިކަން ހާމަވެފައިވެއެވެ. އެ ހަމަނުޖެހުންތައް ހިންގާ މެންބަރުންނަށް ފިޔަވަޅު އަޅާފައިވަނީ ޑިސެމްބަރު 27 ވަނަ ދުވަހު ބޭއްވި މި ވޯޓުގައި މި ދާއިރާއަށް ކުރިމަތިލާފައިވާ ޔޫސުފް ޝަފީއު (ޔޫއްޕެ) ހޮވުމަށް ޕީއެންސީއިން ވަގު ވޯޓު އެޅިކަން ފަޅާއެރުވުމުން ކަމަށް ޚަބަރު ފެތުރިފައިވެއެވެ.
ޕީއެންސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މައްޗަންގޯޅި އުތުރު ދާއިރާގެ ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލުމަށް ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަމަނުޖެހުން ހިނގާފައިވަނީ ޕާޓީގެ އިސް ފަރާތްތަކުން ވަކި ކެންޑިޑޭޓަކަށް ވަގު ވޯޓު އެޅިކަން ހާމަވުމުންނެވެ.
މި ޕްރައިމަރީއާ ގުޅިގެން ޕީއެންސީއާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. ވަކި ބަޔަކަށް އިންތިޚާބުގެ ޓިކެޓް ދިނުމަށް، ބައެއް ކެންޑިޑޭޓުންގެ ނަން ނެގުމަށްވެސް އެ ކެންޑިޑޭޓުންނަށް މަޖުބޫރުކޮށްފައިވާ ކަމަށް ޚަބަރު ފެތުރިފައިވާއިރު، ޕާޓީގެ ތެރޭގައި ހިންގި މި އިންތިޚާބަކީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އެތެރޭގެ އިންތިޚާބު ކަމަށް ޕީއެންސީއިން ދައްކަން މަސައްކަތް ކުރި ނަމަވެސް، ޕާޓީގެ ގިނަ މެންބަރުންވެސް ތިބީ ޕާޓީގެ ލީޑަރޝިޕަށް ނުރުހުންވެފައެވެ.
އަދި، ވަގު ފޯމުތައް ފުރައިގެން 60,000 މެންބަރުން ހަމަކުރި ކަމަށް ބުނެވޭ ޕާޓީގެ "އެންމެ ފުރިހަމަ އިންތިޚާބު" ގައި، ވޯޓުލާފައިވަނީ ޖުމްލަ މެންބަރުންގެ ގާތްގަނޑަކަށް 15 އިންސައްތަ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މައްޗަންގޯޅި އުތުރު ދާއިރާގެ ކެންޑިޑޭޓުން ލައްވާ މާފަށް އެދި ޕަބްލިކް ސްޓޭޓްމެންޓެއް ނެރުމަށްވެސް ޕީއެންސީއިން ނެރުނު ބަޔާނެއްގައި ވަނީ އަންގާފައެވެ. މިއީވެސް ޕާޓީގެ ނަން ރީތިކުރުމަށްޓަކައި ޕާޓީގެ އިސް ފަރާތްތަކުން ކުރުވާ ކަމެއް ކަމަށާއި ޕާޓިގެ އިސްވެރިން ހިންގި މި ޖަރީމާ މެންބަރުން ބޮލަށް ޖަހައި ޕާޓީގެ ނަން ދިފާޢުކުރަން މަސައްކުރަމުންދާ ކަމަށް މެންބަރުން އަންނަނީ ތުހުމަތުކޮށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.