
އެއްވެސް އާއިލާއަކުން "ވާނުވާ" ބަންދުގެ ވޭން ތަހައްމަލު ކުރަން ޖެހިގެން ނުވާނެ ކަމަށް އެކަމުގެ ތަޖުރިބާއަށް ފަހު، ކުރީގެ ކޮންޓްރޯލަ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާގެ މައްޗަށް ކުރެވުނު ތުހުމަތެއްގައި ނުވަ މަސް ދުވަހު ޝަރީއަތް ނިމެންދެން ވަންދުގައި ހުރުމަށް ފަހު ގެއަށް ދޫކޮށްލުމުން ޝަމްއާން ވަނީ ﷲއަށް ހަމްދުކޮށް އެ އާއިލާއަށް ދިމާވި ދަތި އުނދަގޫ ވަގުތުގައި ކައިރިގައި ތިބި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ޝަމްއާން ހާމަކޮށްފައިވާ ގޮތުގައި، އެއްވެސް އާއިލާއަކުން ވާނުވާ ބަންދުގެ ވޭން ތަހައްމަލު ކުރަން ޖެހިގެން ނުވާނެ ކަމަށާ، ވާނުވާ ބަންދު ނިމުމަކަށް އަންނަންޖެހޭ ކަމަށެވެ.
މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ބިދޭސީއެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ގެ މަގާމުން ވަކިކޮށް، ޝަމްއާން ހައްޔަރުކުރީ 2025 މާޗް 22 ގައެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ޖެހިއެވެ. އޭގެ ފަހުން، ޝަރީއަތް ނިމެންދެން ބަންދުކުރަން އެޕްރީލް 6 ގައި ކޯޓުން އަމުރުކުރިއެވެ.
ވާނުވާ ބަންދަކީ އުވާލާނެ އެއްޗެއް ކަމަށް ބުނެ ވެރިކަމަށް ވަޑައިގެން ރައީސް މުހައްމަދު މުއިއްޒު އެގޮތަށް އަމަލުނުކުރައްވާތީ ގިނަ ފާޑުކިޔުމާ ނުުރހުން އަމާޒުވެފައިވަނިކޮށް، ޝަމްއާންގެ މައްސަލައިގައި މުހިއްމު ހެކިންގެ ހެކި ބަސް ނަގާ ނިމުމުން ދައުލަތުން އެދިގެން ޝަމްއާން ބަންދުން ދޫކޮށްލީ 278 ދުވަސް ފަހުންނެވެ.
ޝަމްއާން ހައްޔަރުކޮށް ޝަރީއަތް ހިންގަނީ ފްރޭމުކޮށްގެން ކަމަށް ކުރެވޭ ތުހުމަތުތަކަށް ދައުލަތުގެ ބައެއް މުހިއްމު ހެކިން ހެކި ބަހުން ބާރު ލިބެއެވެ.










