
ދިނާ ޚިލާފުކަމެއް ކުރުމަށް ހިތްވަރު ލިބޭ ކަމެއް ނުކުރާ ކަމަށް ބުނެ ހިއުމަން ރައިޓްސް އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ދޮގު ހަދައިފިއެވެ.
އެޗްއާރުސިއެމުން "20 އިޔަރސް އޮފް ދަ ރައިޓްސް ސައިޑް އޮފް ލައިފް"ގެ ނަމުގައި މިދިޔަ ޑިސެމްބަރު މަހު ނެރެފައިވާ ސާވޭއެއްގެ ރިޕޯޓުގައި ވާގޮތުގައި އެ ސާވޭ ނުވަތަ ދިރާސާ ކުރުމަށް ދިވެހިންނާ އަދި ބިދޭސީއިންނާ ވެސް ވަނީ އަތޮޅު ތެރެއާ މާލެ ވެސް ހިމެނޭ ގޮތަށް ސުވާލުކޮށްފައެވެ.
އެ ކުރި ސުވާލުތަކުގެ ތެރޭގައި ބޭރު މީހުންނަށް އެމީހުން ގަބޫލުކުރާ ދީނުތަކަށް އުޅުމުގެ ފުރުސަތު އޮންނަން ފެންނަތޯ ނުވަތަ ނުފެންނަތޯ ދޭހަވާ ފަދަ ސުވާލެއް ހިމަނާ އެ ސުވާލުގެ ޖަވާބު ވަނީ އެ ރިޕޯޓުގައި އާންމުކޮށްފައެވެ. އެގޮތުން އެ ރިޕޯޓުގެ "ހިއުމަން ރައިޓްސް އެންޑް ރިލިޖަން"ގެ ސުރުހީގެ ދަށުން އާންމުކޮށްފައިވާ ޖަވާބުތަކުގެ 6 ވަނަ ނަމްބަރުގައި ވަނީ އެ ސާވޭގައި ހިމެނޭ 67.7 އިން ސައްތަ ބިދޭސީ މަސައްކަތްތެރިން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ދީންތަކަށް ރާއްޖޭގައި އުޅެވެން ޖެހޭނެ ކަމަށެވެ. އަދި ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބިދޭސީންނަށް އެމީހުންގެ ދީނަށް އުޅުމުގެ މިނިވަންކަން އޮންނަން ފެންނަ ކަމަށް ދިރާސާގެ ނަތީޖާ ދައްކާ ކަމަށްވެސް 7 ވަނަ ނަމްބަރުގައި ވެސް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މިކަމުން ދޭހަވަނީ ދީނީ މިނިވަންކަން އޮންނަން ފެންނަތޯ ނުވަތަ ނޫންތޯ ފަދަ ސުވާލެއް އެޗްއާރުސީއެމްގެ އެ ސާވޭގައި ކޮށްފައިވާކަމެވެ.

މި ވާހަކަތައް ފާހަގަކުރައްވާ ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވަނީ އެޗްއާރުސީއެމަށް ފާޑުވިދާޅުވެ ނުރުހުން އަމާޒުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމީ ޝަރީޢަތާ ޚިލާފު ސުވާލެއް ސާވޭތަކުގައި ހިމަނާ އެ ސުވާލު ކޮށްގެންވެސް ނުވާނެ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި، ޤާނޫނު އަސާސީގައި އެކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދިވެހި ރައްޔިތަކަށް ވާންވާނީ މުސްލިމަކަށް ކަމަށް ވެސް ޤާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މިވާހަކަތަކާއެކު މީޑީޔާތަކުން ހެޑްލައިން ހެދުމުން އެޗްއާރުސީއެމު ހޫނު ފެނަށް ވެއްޓި ދޮގު ހަދާ ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަންއިން ކުރި ސާވޭއަކާ ގުޅުވާ ދައުރުކުރަމުން ދަނީ ދޮގު ކަމަށާ ދީނާ ހިލާފުކަމެއް ހުއްދަ ކުރުމަށް އަދި ދީނާ ހިލާފުކަމަކަށް ހިތްވަރު ލިބޭ ގޮތަށްވެސް ކަމެއްކޮށްފައި ނުވާނެ ކަމަށެވެ.
ނަމަވެސް އެ ސާވޭގައި ކުރިންވެސް ބުނެވުނު ފަދައިން އެ ފަދަ ކަންކަން އެބަހުއްޓެވެ. އެހެންކަމުން އެޗްއާރުސީއެމުން މިހާރު އެ މަސައްކަތްކުރަނީ އެ ކޮމިޝަން ހޫނުފެނަށް ވެއްޓުމުން އެކަން ދޮގުކޮށް އެ އިލްޒާމު އެހެން ބައެއްގެ ބޮލުގައި އެޅުވޭތޯކަން ހާމައަށް ފެންނަން އެބައޮތެވެ.
އެޗްއާރުސީއެމުގައި ތިއްބެވި ބައެއް މެމްބަރުންނަކީ، ކުރީ ސަރުކާރުގައި އެ މެމްބަރުންނާ ބައްދަލުކުރަން އޭރުގެ އިދިކޮޅު ޕާޓީ ޕީޕީއެމްގެ ލީޑާޝިޕުން ދިއުމުން، ތަނުގެ މުވައްޒަފުން ލައްވާ ދޮގު ހެދުވި ބައެކެވެ.
އެހެންކަމުން އެފަދަ ބަޔަކު މިއަދުވެސް ކަންކަމުގައި ދޮގު ހަދާނެކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.










