
ރައްޔިތުންގެ އަނގަ ބަންދުކުރަން ކޯޓުން ނެރުނު "ގެގް" އޯޑަރާ ޚިލާފުވެގެން ކަމަށް ބުނެ ޖަލަށް ލާފައި ތިބި ދެ ނޫސްވެރިންނާ، ނޫސްވެރިންގެ ހައްގުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުން ހައްޔަރު ކުރާ މީހުންގެ ކަންބޮޑުުވުންތައް ތަހުގީގުކުރަން ނިންމައިފިއެވެ.
ހިއުމަން ރައިޓްސް އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޖަލަށް ލާފައިވާ ނޫސްވެރިންނާއި މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކުން ހައްޔަރުކުރި މީހުންނާ އެ ކޮމިޝަނުން ބައްދަލުކޮށް، އެ މީހުންގެ ހާލު ބަލާފައިވާ ކަމަށާ އެ ބައްދަލުވުންތަކުގައި، ފަރާތްތަކުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ތަހުގީގު ކުރަންޖެހޭ ކަންކަން ކޮމިޝަނުން ތަހުގީގު ކުރުމަށް ވަނީ ނިންމާފައި ކަމަށެވެ.
ކުރިމިނަލް ކޯޓުން ނެރުނު 'އަނގަ ބަންދުކުރުމުގެ އަމުރު ނުވަތަ ގެގް އޯޑަރާ ހިލާފުވިކަމަށް ނިންމައި 'އަދަދު' ނޫހުގެ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި ރައީސްއާ ކުރި ސުވާލެއްގެ މައްސަލައެއްގައި އެ އަމުރާ ހިލާފުވެގެން ހަމަ އެ ނޫހުގެ މުހައްމަދު ޝަހްޒާން ވެސް އެ ދުވަހު 15 ދުވަހަށް ޖަލަށް ހުކުމް ކުރިއެވެ.
އެ ނޫސްވެރިން މިނިވަންކުރަން ގޮވާލުމަށާއި ސަރުކާރާ ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުން ބައެއް މީހުން ހައްޔަރުކުރިއިރު، އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ތިބީ ބަންދުކޮށްފަ އެވެ.










