
އދ. ދިގުރަށުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސީއަކު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދިގުރަށުގައި ރޭ ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާގެ ޚަބަރު އެ ކޮމިޝަނުން އަޑުއެހީ ނުހަނު ހިތާމައާއެކު ކަމަށެވެ. އަދި މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް އެ ކޮމިޝަނުން ތައުޒިޔާ ފޮނުވާފައިވެސް ވެއެވެ.
އެޗްއާރުސީއެމުން އިތުރަށް ބުނެފައިވަނީ، މި ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު އެ ކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. މީގެ އިތުރުން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެޗްއާރުސީއެމުން މި މައްސަލަ ތަހުގީގު ފަށާފައިވާއިރު، މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. ނަމަވެސް، އޭގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މާލެއިން ދިގުރަށަށް ދިއުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މި ޓީމުގައި ފޮރެންސިކް ތަހުގީގަށް އެހީތެރިވުމަށް މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރަށެއްގައި ހިނގި މިފަދަ އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.










