ކުރީގެ ސަރުކާރުން ފެނުން މަތިން ވައްކަންކޮށް މުޅި ގައުމު ހުސްކޮށްލުމަށްފަހު، މިހާރު މި ސަރުކާރުން ބިމު އަޑިން ވައްކަން ކުރަމުންދާ ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ. މަލީހް މިހެން ވިދާޅުވީ ޕީއެންއެފްއިން ބޭއްވި ޓައުން ހޯލް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން މިހާރު ވެލިން ވައްކަން ކުރާ ހިސާބަށް ގޮސްފައިވާއިރު، ރާއްޖޭގެ ރިސޯޓްތަކުންނާއި، މީހުން ދިރިއުޅޭ ރަށްރަށުންވެސް، ވަކިން ޚާއްސަކޮށް ކ.ގުޅިން ވެލި ނަގަމުންދާ ކަމަށެވެ. ގުޅީ ރައްޔިތުންނަށް ގޮވާލައްވަމުން މަލީހް ވިދާޅުވީ، މި ވައްކަންތަކުން ރަށް ހިމާޔަތްކުރުމަށްޓަކައި ރަށްވަށާ ސެކިއުރިޓީ މީހެއް ބަހައްޓަން ޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން، ބޮޑެތި ޚަރަދުކޮށްގެން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި ގުދުރަތީ ރީތިކަން ގެއްލުވާލާ ކިސަޑުގަނޑެއް ބަލާކަށް ނޭދޭނެ ކަމަށް މަލީހް ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ފަތުރުވެރިން އަބުރާ ދާނީ "ބޭޑް ރިވިއުއަކާއި" އެއްކޮށް ކަމަށާއި، މިއީ ރާއްޖޭގެ ދުރު މުސްތަޤްބަލުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އިންތިހާއަށް ގެއްލުންވާނެ ކަންކަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑު ގޮވާލަން ގުޅީ ރައްޔިތުންނަށް އެ ރަށް ވަށައިގެން ބަލަހައްޓަން ސެކިއުރިޓީ މީހެއް ބަހައްޓަން، އެހެންނޫނީ ދަންވަރު ގަޑީގައި އެ ރަށް ކައިރިން ވެލިތައް ނަގާ ހުސްކޮށްލާނެ
ރަށްރަށުގެ އެހާ ކައިރިން ވެލި ނަގައިގެން މި މަސައްކަތްތައް ކުރަނީ ކޮން އެސަސްމެންޓެއް ހަދައިގެންތޯ މަލީހް ވަނީ ކަމާއި ބެހޭ ވުޒާރާތަކާއި ސުވާލުކޮށްފައެވެ. މިއީ ބޮޑު ޖަރީމާއެއް ކަމަށާއި، މިކަން ހުއްޓަން ޖެހޭ ކަމުގައި މަލީހް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ތިމާވެއްޓާއި ބެހޭ މިނިސްޓަރު، ޓޫރިޒަމް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު ކޮބައިތޯވެސް މަލީހް ސުވާލުކުރައްވައި، މިފަދަ ކަންކަމަށް ސަރުކާރުން ފަރުވާކުޑަކުރާކަން ފާހަގަކުރެއްވިއެވެ.
މަލީހް ގޮވާލެއްވީ، ފަތުރުވެރިކަމާއި، ރާއްޖޭގެ ފަރުތަކާއި ގުދުރަތީ މާހައުލަށް ގެއްލުން ނުވާނެހެން ދުރު ހިސާބަކުން ވެލި ނަގައިގެން މިކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.