February 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 31, 2025, 05:10 AM
މާލެ ސިޓީ

ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު، ހާޓް އެޓޭކެއް ޖެހިގެން މިއަދު ނިޔާވެއްޖެއެވެ.

Advertisement

އުމުރުން 54 އަހަރުގެ ފައްތާހު ނިޔާވީ އޭނާގެ އުފަން ރަށް، ހއ. ކެލާގައި ހުއްޓާ ކުއްލި ގޮތަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު އިރުއޮއްސުނު ވަގުތު މެޔަށް ތަދެއް އަރައިގެން ކެލާ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އެ އަތޮޅު ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންދެވުނެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފައްތާހަކީ ފިލްމީ މަސައްކަތްތަކުގެ އިތުރުން ސިޔާސީ ދާއިރާގައިވެސް ފަހަކަށް އައިސް ހަރަކާތްތެރިވަމުން އައި ބޭފުޅެކެވެ. އެގޮތުން، މިހާރު ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް އޭނާ ވާދަކުރައްވާފައިވެއެވެ.

ދިވެހި ފިލްމީ ދާއިރާގައި ފައްތާހަކީ ފޫނުބެއްދޭނެ ފަދަ ބޮޑު ހުސްކަމެއް ދޫކޮށް ދިޔަ ފަންނާނެކެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ މަގުބޫލު ފިލްމުތަކާއި ޑްރާމާ ސިލްސިލާތައް ޑައިރެކްޓްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފައެވެ. އޭނާގެ ފިލްމުތަކަކީ ތަފާތު މައުޟޫއުތަކަށް، ފެންވަރު ރަނގަޅުކޮށް އުފައްދާފައިވާ އުފެއްދުންތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ފައްތާހު ނިޔާވުމާ ގުޅިގެން ފިލްމީ ފަންނާނުންނާއި އޭނާގެ ގާތް ރަހުމަތްތެރިން ދަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved