theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ހަބަރު
ކުއްލި ގޮތަކަށް ނިޔާވި އަމްޖޭގެ ހަނދާނުގައި ބަންގްލަދޭޝްގައި ފެންވަޅެއް ބަހައްޓަނީ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
10 ޖެނުއަރީ 2026
މާލެ ސިޓީ

ޓިކްޓޮކް މެދުވެރިކޮށް ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އަލީ އަމްޖަދު (އަމްޖޭ) ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، އޭނާގެ ހަނދާނުގައި ސަދަގާތެއްގެ ގޮތުން ބަންގްލަދޭޝްގައި ފެންވަޅެއް ބެހެއްޓުމަށް ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީން ނިންމައިފިއެވެ. މި މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޓިކްޓޮކްގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ޖުމްލަ 17,000 ރުފިޔާ ހަދިޔާކޮށްފައެވެ.

ށ. ފޯކައިދޫއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ އަލީ އަމްޖަދު ނިޔާވީ މި ހިނގާ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ. އޭނާ ނިޔާވީ ތިލަފުށީގައި މަސައްކަތް ކުރަން ހުއްޓާ ކުއްލި ގޮތަކަށް ހަބަރު ހުސްވެގެން ވެއްޓިފައި އޮއްވާ ފެނިގެން، މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަމްޖޭ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އަމްޖޭގެ ހަނދާނުގައި ބަންގްލަދޭޝްގައި ފެންވަޅެއް ބެހެއްޓުމަށް ފައިސާ އެއްކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ޓިކްޓޮކް ޕްލެޓްފޯމްގައި އުޅޭ ފަރާތްތަކުން އިސްނަގައިގެންނެވެ. މި ފައިސާއަކީ އެކި ފަރާތްތަކުން ޓިކްޓޮކް ލައިވްތަކުގެ ޒަރީއާއިންނާއި އެނޫންވެސް ގޮތްގޮތުން ދިން އެހީތެރިކަމެވެ. މި މަސައްކަތުގެ މަގްސަދަކީ އަމްޖޭއަށް ދާއިމީ ސަވާބާއި ދަރުމަ ލިބޭނެ ފަދަ ހެޔޮ ކަމެއް އޭނާގެ ރަހުމަތްތެރިންގެ ފަރާތުން ކޮށްދިން ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މި ފެންވަޅު ބެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގެ އެހީދޭ ޖަމިއްޔާއަކާއެވެ. މި ފެންވަޅުގެ ސަބަބުން ބަންގްލަދޭޝްގެ ފަގީރު އަވަށެއްގައި ދިރިއުޅޭ ގިނަ ބަޔަކަށް ސާފު ބޯފެން ލިބުމުގެ މަގު ފަހިވެގެންދާނެއެވެ. ޓިކްޓޮކް ކޮމިއުނިޓީން ބުނެފައިވަނީ އަމްޖޭއަކީ އަބަދުވެސް މީހުންނާ ގުޅޭ، ހިތްހެޔޮ މިޒާޖެއްގެ މީހެއް ކަމަށާއި، އޭނާގެ ވަކިވުމަކީ މުޅި ކޮމިއުނިޓީއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

އަމްޖޭއަކީ އޭނާގެ މަޖާ ވީޑިއޯތަކާއި، ލަވަތަކުން ގިނަ ބައެއްގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިން ފަންނާނެކެވެ. އޭނާގެ ކުއްލި މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކޮށް، އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމުންނެވެ. މި ފެންވަޅުގެ މަސައްކަތް ނިމުމުން، އެތަނުގައި އަމްޖޭގެ ނަމުގައި ހަނދާނީ ބޯޑެއް ބެހެއްޓުމަށްވެސް ވަނީ ނިންމާފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved