
ހދ. ކުޅުދުއްފުށި ސިޓީގައި ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނަކު، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހދ. ނޭކުރެންދޫ، ކާމިނީގޭ އުމުރުން 36 އަހަރުގެ ހުސެއިން ޝިފާޒެވެ. އޭނާ ރުކުން ވެއްޓުނީ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ހާއިރު ކުޅުދުއްފުށީގައެވެ.
ރުކުން ވެއްޓުމާ ގުޅިގެން ޝިފާޒަށް ފުރަތަމަ ފަރުވާ ދީފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައެވެ. ނަމަވެސް ހާލަތު ސީރިއަސްވުމުގެ ސަބަބުން، ހަފްތާއެއް ފަހުން އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ މިއަދުގެ ވަގުތެއްގައެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރުކުން ވެއްޓުނު އިރު ޝިފާޒްގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. ޝިފާޒްގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިއަދުގެ އަސުރު ނަމާދަށް ފަހު މާލޭގައެވެ.
ރާއްޖޭގެ ރަށްރަށުގައި ރުކަށް އެރުމުގެ ތެރޭގައި މިފަދަ ނުރައްކާތެރި ހާދިސާތައް ދޭތެރެއަކުން ހިނގަމުންދާއިރު، މީގެ ކުރިންވެސް މިފަދަ ހާދިސާތަކުގައި ބައެއް މީހުން ނިޔާވެފައިވެއެވެ.










