
ކާންދިނުމަށް ބޭނުންކުރާ ޕީއީޖީ ޓިއުބެއް ހޯދުމަށް ދައުލަތުގެ މުއައްސަސާތަކުގައި އާދޭސްކުރާތާ އެތައް މަހެއް ވީއިރުވެސް، އެ ތަކެތި ފޯރުކޮށްދިނުމުގައި ދައުލަތުގެ އިދާރާތަކުން ދެއްކި ފަރުވާކުޑަކަމުގެ ނަތީޖާއެއްގެ ގޮތުން ކުޑަކުއްޖަކު މަރުވި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
މި ހިތާމަވެރި ހާދިސާ ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓުތަކަކާ ގުޅިގެންނެވެ. މިދުއަމް ހާމަކުރި ގޮތުގައި، މ. ޗީޒް، އިބްރާހީމް އަޛާން ސުހައިލްގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ޓިއުބް ހޯދުމަށް އެ ކުއްޖާގެ މަންމަ އަށް މަސް ދުވަސް ވަންދެން ސަރުކާރުގެ ދޮރުތަކުގައި ޓަކިޖެހިއެވެ. ނަމަވެސް، އެންސްޕާ އާއި އެސްޓީއޯ އިން އެންމެ ފަހު ވަގުތު ބުނެފައިވަނީ އެ ޓިއުބަށް އޯޑަރުވެސް ދީފައި ނުވާ ކަމަށެވެ. މިއީ ރައްޔިތުންގެ ސިއްހީ ނިޒާމާއި، އަސާސީ ހިދުމަތްތަކާ މެދު އޮތް އިތުބާރު މުޅިން ގެއްލިގެންދާ ފަދަ ޒިންމާދާރުކަން ކުޑަ އަމަލެކެވެ.
ދައުލަތުގެ އެހީތެރިކަމެއް ނުލިބުމުން، އަމިއްލަ ފަރާތެއްގެ އެހީގައި އެ ޓިއުބް ރާއްޖެ ގެނެސް، އެ ހަވާލުކުރަން ގުޅިއިރު ވަގުތު އޮތީ ފާއިތުވެފައެވެ. ކުއްޖާގެ މަންމަ ބުނި ގޮތުގައި އެ ވަގުތު ކުއްޖާ އޮތީ އެންމެ ފަހު ނޭވާތައް ގުނަ ގުނައެވެ. މި ހާދިސާއިން ހާމަވެގެންދަނީ ދައުލަތުގެ އިދާރާތަކުގެ މެދުގައި އެއްވެސް ކަހަލަ ކޯޑިނޭޝަނެއް ނެތް ކަމާއި، އިންސާނީ ފުރާނައަކަށްވުރެ ބިއުރޯކްރެސީއަށް ދެވޭ ސަމާލުކަން ބޮޑުކަމެވެ.
މިކަމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައި ވަނިކޮށް، ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 25 މާރިޗް 2026 ގައި އަޛާން ނިޔާވި ހާދިސާ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށެވެ.
ނަމަވެސް، އާންމުން ސުވާލު އުފައްދަނީ މައްސަލަ ބަލައި ނިމޭއިރު، ގެއްލިގެން ދިޔަ މައުސޫމް ފުރާނަ އަނބުރާ ލިބޭނީ ކިހިނެއްތޯއެވެ؟ އެންސްޕާ އާއި އެސްޓީއޯގެ ހިންގުން މިހާ ދަށު ދަރަޖައަކަށް ވެއްޓިފައިވާއިރު، އިހުމާލުވި ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅައި، ނިޒާމު އިސްލާހު ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.










