theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ބިންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް ހެއްދެވުމުގެ ވައުދުފުޅާ ގުޅޭގޮތުން މެންބަރު ކުޑޫ ރައީސަށް ސިޓީއެއް ފޮނުއްވައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
31 ޑިސެމްބަރު 2025
މާލެ ސިޓީ

މާލެ ސަރަހައްދުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މާލޭގައި 600 އަކަފޫޓަށް ވުރެ ކުޑަ ބިންކޮޅެއް އޮތް ނަމަ އެ ބިން ދޫކޮށްލަން ނުޖެހޭ ގޮތަށް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގަންނަވާފައިވާ ވައުދުފުޅާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައީސަށް ސިޓީއެއް ހުށަހަޅުއްވައިފިއެވެ.

މެންބަރު ކުޑޫ ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ، 18 ސެޕްޓެމްބަރު 2023 ގައި ރައީސް މުއިއްޒު ވެވަޑައިގަތް ވައުދުފުޅުގެ ދަށުން، ބަންޑާރަ ގޯއްޗާއި ފްލެޓް ދޫކުރާއިރު އެ މީހެއްގެ ނަމުގައި 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ކުޑަ ބިމެއް އޮތް ނަމަ އެތަން ދޫކޮށްލަންޖެހޭ ގޮތަށް މިހާރު އޮތް ޝަރުތު އުވާލައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން، އެކަމާ މެދު މިހާރު ސަރުކާރުން ނިންމާފައިވާ ގޮތެއް ހިއްސާކޮށްދެއްވުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުން ލަސްވަމުންދާ ދިއުމާމެދު މެންބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަރުކާރަށް ދެ އަހަރު ފުރިފައިވާއިރު، ގޯތިތައް ނިންމާނެ ކަމަށް ވިދާޅުވި ތާރީޚުތައް ފަހަނައަޅާ ގޮސްފައިވާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުފަޅާއި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށެވެ. ނަމަވެސް، މަސައްކަތްތައް ކުރިއަށްދާ ދުވެއްޔަށް ބަލާއިރު އެ މުއްދަތަށް އެ މަސައްކަތްތައް ނިމޭނެތޯ މެންބަރު ވަނީ ސުވާލު އުފައްދަވާފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުން އެ މީހުންގެ ގޯތިތަކާ މެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، އިދިކޮޅު އެމްޑީޕީގެ މެންބަރު ކުޑޫ މިވަނީ ސަރުކާރުގެ ވައުދުތަކާ ގުޅޭގޮތުން ސީދާ ރައީސާ ސުވާލު ކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved