ވެރިކަމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ވަރުގެ އެއްޗެއް ނޫނެވެ. ބޮޑެތި ޒިންމާތަކެއް ނަންގަވައިގެން ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހުންނަވަން ޖެހޭނެކަން ދަނެ، ޒިންމާތަކާ ހަވާލުވަނީ ރައްޔިތުން ކުރިމަތީ ވައުދުތަކަކާއި އަހުދުތަކެއްވެގެންނެވެ. އެގޮތުން އަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގައި ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ ހުސްގޮނޑިއާއި އެމަނިކުފާނުގެ ތަރައްގީގެ އިތުރުން ވިއްކި އެއްޗަކީ ކޮންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމެވެ.
އެގޮތުން ބޯހިޔާވަހިކަމުގެ ހުވަފެންތައް ރައްޔިތުންނަށް ދައްކަން ފެށީ ހަމަ އެ ދުވަސްވަރުގައެވެ. ވެރިކަން ލިބިވަޑައިގަތުމުން ވެސް ދެއްކެވީ ހަމަ އެ ހުވަފެންތަކެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން 2025 ވަނަ އަހަރު ޕްރޮމޯޓް ކުރަމުންދިޔައީ ބޯހިޔާވަހިކަމުގެ އަހަރުގެ ގޮތުގަ އެވެ. ބޯހިޔާވަހިކަމުގެ ގުޅޭގޮތުން އެކި ރަށްރަށުގައި އެކި ފަހަރުމަތިން ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. މިޔާއެކު މިއަހަރުގެ ބަޖެޓު ވެސް ބޯހިޔާވަހިކަމަށް ޚާއްސަ ކޮށްފައިވާ ކަަމަށް ވިދާޅުވެ، އެގޮތަށް ބަޖެޓު ވެސް ޕްރޮމޯޓް ކުރި މިންވަރު ބުނެދޭންވެސް ނޭނގެއެވެ.
ބޯހިޔާވަހިކަމަށް މާސިންގާ ބަޖެޓެއް ފާސްކުރި ނަމަވެސް 2025 ވަނަ އަހަރު މިސަރުކާރަށް ބޯހިޔާވަހިކަމާ ގުޅުންހުރި އެންމެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައިނުވެއެވެ. ކުރީ ސަރުކާރުގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މަސައްކަތްތައް ގިނަ ދުވަސްތަކަކަށް އޮތީ ހުއްޓުވާފައެވެ. ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް ނުދެ އެވެ. 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލެ ފޭސް-3 ހިއްކުމުގެ މަސައްކަތް ފެށި ނަމަވެސް މި މަޝްރޫއު އެއްކޮށް ނިންމާނެ ކަމަށް އެކިއެކި ތާރީޚުތައް ދީފައިވެ އެވެ. އަދި ކުރީ ސަރުކާރުގައި ނިންމާފައިވާ ގެދޮރުވެރިޔާ ފްލެޓުތައް ވެސް ލިބުނު ހުރިހާ ރައްޔިތުންނަށް ތަޅުދަނޑި ހަވާލު ކުރެވިފައިނުވާއިރު، ބިންވެރިޔާ ސްކީމުން ދޫކޮށްފައިވާ ގޯތިތައް ވެސް އޮތީ ކޮންތަނެއްގައި ނޫންކަމެއް ނޭނގެއެވެ.
ބޯހިޔާވަހިކަމުގެ ރަން ޒަމާނެއްގެ ފެށުން ކަމަށް ޕީއެންސީ ސަރުކާރުން ބުނި ނަމަވެސް 28 ޑިސެމްބަރު 2025 ގައި ދިވެހި ރައްޔިތުންނަށް ހާމަވެގެން ދިޔައީ ގެދޮރުވެރިޔާ ފްލެޓު ލިބުނު މީހުންގެ ތެރެއިން ގިނަ ބައެއްގެ އަތުން މިސަރުކާރުން ފްލެޓު އަތުލި މަންޒަރެވެ.
މުޅި އަހަރު ތެރޭގައި ރައީސް މުއިއްޒުގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވަމުން ގެންދެވީ ފްލެޓާއި ގޯތި ދޭނެ ވާހަކަ އެވެ. ނަމަވެސް މިއަހަރު އެއީ ބޮޑު ދޮގެއްކަން ހާމަވެ، 450ށް ވުރެ ގިނަ ރައްޔިތުންގެ އަތުން ފްލެޓު އަތުލިކަން މިވަނީ ކަށަވަރު ކުރެވިފަ އެވެ. މިވާހަކަ ވެސް ދައްކާ މީހާ ސަރުކާރުން ގޯސްކުރާނެއެވެ.
މީގެ އިތުރުން ބޯހިޔާވަކަމުގައި ރައީސް މުއިއްޒުގެ އެންމެ ބޮޑު ތަސައްވުރު ކަމަށްވާ ރަސްމާލެ މަޝްރޫއު ވެސް އޮތީ ފެއިލް ވެފައެވެ. އެމަނިކުފާނު ދައުރުގެ ފުރަތަމަ 2 މަސްތެރޭ ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި ރަސްމާލެ ނިންމުމަށް ވެސް ގިނަ ތަރީހުތަކެއް ދެއްވި އެވެ. 18 ޑިސެމްބަރު 2023 ގައި މަސައްކަތް ފަށައި ޖުމްލަ އަށް މަހުން ހިއްކަން ބުނި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގައި ހިމެނެނީ ޖުމްލަ 1153 ހެކްޓަރުގެ ބިމެވެ. އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އަށް މަސް ދުވަހުން ރަސްމާލެ ހިއްކާ ނިމޭނެ ކަމަށެވެ.
އެހެން ނަމަވެސް، އޭގެފަހުން 27 ޖުލައި 2024 ގައި ރައީސް މުއިއްޒު ވަނީ މި މަޝްރޫއު ނިންމުމަށް އިތުރު އަށް މަސް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެފަހުން ވެސް މަސައްކަތް ކުރިއަށް ނުގެންގޮސް މެދުކަނޑާލިއެވެ. އަދި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކާ ނިންމޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ހިއްކިފައިވަނީ ގާތްގަނޑަކަށް 215 ހެކްޓަރު ބިމެވެ. މި މަޝްރޫއު އެއްކޮށް ހިއްކާ ނުނިމޭނެކަން ޔަގީންވުމާއެކު މިހާރު މިމަޝްރޫއު ނިންމާނެ ކަމަށް ބުނެފައިވަނީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކަމަށެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ އިތުރުން އަތޮޅުތެރޭގެ ހާލަތު ވެސް އޮތީ މިފަދަ ގޮތަކަށެވެ.ރާއްޖޭގެ އުތުރުގައި 20000 ހައުސިން ޔުނިޓް އަދި ދެކުނުގައި 20000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާއިރު، އެއްބަސްވުންތަކުގައި ސޮއި ކުރުމާއި، މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް އިއުލާން ކުރުމަށްފަހު ބާތިލް ކުރުން ފިޔަވައި އެއްވެސް ކަމެއް ހިނގާފައިނުވެ އެވެ.
މިއީ ރައްޔިތުން ބޯހިޔާވަހިކަމުން މަހުރޫމް ވެގެން ދިޔަ ދެ އަހަރެވެ. ބޯހިޔާވަހިކަމަށް ޚާއްސަކުރި 2025 ވަނަ އަހަރުން ރައްޔިތުންނަށް ޔަގީން ކުރެވިގެން ދިޔައީ ރައްޔިތުންނަށް ލިބުނު ބޯހިޔާވަހިކަން ވެސް ސަރުކާރުން ފޭރިގެންކަމެވެ. ރައްޔިތުންގެ ފައިސާއިން ރައްޔިތުން ބިކަކޮށްލީއެވެ.