މުޅި ސައުތު އޭޝިއާ ރީޖަންގައި އެންމެ ދުވަސްވީ ރައްޔިތުންގެ މަޖިލީހެއް އޮތީ ރާއްޖޭގައި ނަމަވެސް އެކަމުން ލިބޭ ފަޚުރެއް ނެތް ކަމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިނިވަން މުއައްސަސާތައް ޒިންމާ އަދާކުރުމުގައި ފެއިލްވެފައި ކަމަށާ އޭގެ ތެރެއިން އެންމެ މުހިއްމު އެއް މުއައްސަސާއަކީ ރައްޔިތުންގެ އަޑު އިއްވަން އޮތް މަޖިލިސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ކިތަންމެ ރީތި އިމާރާތެއް އަޅާފައި ހުރި ނަމަވެސް ތަނުން ދޭން ޖެހޭ ޚިދުމަތް ފުރިހަމަ ނުވާނަމަ އެ އިމާރާތެއްގެ ބޭނުމެއް ނެތް ކަމަށެވެ. އެގޮތުން މަޖިލިސް އިމާރާތްވެސް ޗާލުވެފައި ނަލަ ނަމަވެސް އެތަނުގައި ރައްޔިތުންގެ އަޑަށް ވުރެ އިސްވަނީ ވެރިކަން ކުރާ ޕާޓީގެ އަޑުކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައެވެ.
މުޅި ސައުތު އޭޝިއާ ރީޖަންގައި އެންމެ ދޮށީ ރައްޔިތުންގެ މަޖިލީހެއް މިއޮތީ ރާއްޖޭގައި. 93 އަހަރުވެގެންދަނީ، އެކަމަކު މިއަށްވުރެ ފޭރާން ދަށް ވިޔާނުދާ ރައްޔިތުންގެ މަޖިލީހެއް މިވަގުތު މިހިސާބުގައި ވެސް ނެތް. އެހާ ވަރަށް ރައްޔިތުންގެ މަޖިލިސް މިއޮތީ ނުކުޅެދިފައި. ގާނޫނު އަސާސީއިން އެމީހުންނާ މަތިކޮށްފައިވާ އަމާނާތުގައި ކޮޅުފައިން ޖަހާފައި ތިބި ބައެއް. ފަހުރަކަށްވަނީ ވަނަ ފާހަގަކުރުމުެއް ނޫން. ފަހުރަކަށްވަނީ އެތަނުންދޭ ހިދުމަތް ރައްޔިތުން ބަލައިގަތުން.
ރައީސް ޔާމީން ވަނީ ޒިންމާ އަދާނުކުރާ މިނިވަން މުއައްސަސާތައް، އޭސީސީއާ ޕިޖީ އޮފީސް ފަދަ ތަންތަން އުވާލަންވީ ކަމަށާ އޭރުން އެ ތަންތަނަށް ކުރާ ޚަރަދު ރައްޔިތުންގެ މަންފާއަށް އެހެން ކަމަކަށް ބޭނުންކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދު ސުޕަރމެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީގައި ނަމަވެސް ރައްޔިތުންނަށް ނުވަތަ ދާއިރާއަކަށް މަންފާވާ ގޮތަކަށް މިހާތަނަށް ފާސްކުރި ބިލެއް ނެތެވެ. އަދި ބަޖެޓުގައިވެސް ދާއިރާތަކަށް ވަކި ވަކިން އަދަދުތައް ކަނޑައަޅާފައިނުވެއެވެ. މަޖިލިސް މެމްބަރުން ތިބީ އަމިއްލައަށް ގޮނޑި ގެއްލޭ ގޮތަށް ބިލެއް ފާސްކޮށް ގޮނޑިއާލާ އަމިއްލަ ބަނދެވިގެންވެސް މެއެވެ.