
ރައްޔިތުންނަށް ޚިޔާނާތްތެރިވުމުގެ ނަތީޖާ އުފުލަންޖެހޭ ދުވަސް އަންނާނެކަމަށާ އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އައު އަހަރު ފާހަގަކުރުމަށް ބޮޑު ޑްރޯނު ޝޯއެއް ބާއްވާ ބޮޑު ޚަރަދުތަކެއް ސަރުކާރުން ކޮށްފައިވާއިރު އެ ޑްރޯނުގެ ޝޯގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ސިފަވާ ގޮތަށް ސޫރައެއްވެވެސް ދައްކާލާފައިވެއެވެ. މިކަމާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި އެކްސް ޕޯސްޓު ހިއްސާކުރައްވާ ޑރ އަހުމަދު ވިދާޅުވީ، މިފަދަ ބޮޑެތި އިސްރާފު ކުރުމަކީ އެންމެ ބޮޑެތި މުންކަރާތްތަކުގެ ތެރޭގައި ހިމެނޭ ޙަރާމް ކަމެއް ކަމާމެދު އެއްވެސް ޚިލާފެއް ނެތް ކަމަށާ އަދި އެއީ އަމާނަތަށް ޚިޔާނާތްތެރިވުން ކަމަށެވެ.
އެހެންކަމުން މިފަދަ ޢަމަލުތަކުގެ ޝަރްޢީ ޙުކުމް ބުނެދޭންޖެހޭ ޢިލްމުވެރިން ހަނު ތިބުމަކީ އެމީހުންގެ މުނާފިޤުކަން ހާމަވާކަމެއް ކަމަށް ވިދާޅުވެ ޑރ އަހުމަދު ވަނީ ޖަވާބުދާރީ ކުރުވުމުގެ ދުސްތޫރީ އަދި ޝަރްޢީ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތްތަކުން ރައްޔިތުންނަށް ޚިޔާނާތްތެރިވުމުގެ ނަތީޖާ އުފުލަންޖެހޭ ދުވަސް އަންނާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
ޑރ އަހުމަދު މިފަދައިން ވިދާޅުވެފައިވާއިރު، ޑްރޯން ވޯގައި ރައީސް މުއިއްޒު ސިފަކުރެވޭ ގޮތަށް ތަސްވީރެއް ތަސްވީރު ކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ވެރިންގެ ބޮޑެތި ފޮޓޯ އާއި ސްޓެޗޫ ފަދަ ރަމްޒުތައް ކޮންމެ ހަފުލާއަކާ ނުވަތަ ކޮންމެ މުނާސަބަތަކާ ގުޅުވައިގެން ދައްކާ ހެދުމަކީ ހުދުމުހުތާރު ވެރިންގެ ސިފަ އެއް ކަމަށް ބުނެފައެވެ. އަދި އެކަން ކުރަނީ އެމީހުންގެ ބާރުވެރިކަން ރައްޔިތުންނަށް ހަނދާން ކޮށްދިނުމަށް ކަމަށް ބުނެ ވެސް ވަނީ ރައީސް މުއިއްޒުއާ ސަރުކާރުގެ އަމަލުތަކަށް ފާޑުކިޔާފައެވެ.










