
ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ބަލިވީ ރައްޔިތުންނަށް މައުޟޫއު އޮޅިގެން ނޫން ކަމަށާއި، އެއީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ރައީސް ޑރ. މުއިއްޒު ކުރައްވާ މަސައްކަތަށް ރައްޔިތުން ދިން ސީދާ 'ނޫނެކޭ' އެއް ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރައީސަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ދާދިފަހުން ބޭއްވި ފެންނަ ނުފެންނަ ވޯޓުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ ރައްޔިތުންނަށް މައުޟޫއު ރަނގަޅަށް އޮޅުން ނުފިލާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމާ ގުޅިގެން، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޑރ. ދީދީ ވިދާޅުވީ ރައްޔިތުން ތިބީ މައުޟޫއު ވަރަށް ރަނގަޅަށް އޮޅުންފިލައިގެން ކަމަށާއި، ވޯޓުގެ ނަތީޖާއިން ފެނިގެންދިޔައީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ނަމުގައި ސަރުކާރުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތް ރައްޔިތުން ހުއްޓުވި މަންޒަރު ކަމަށެވެ.
ދިވެހި ދައުލަތުގެ ބާރުތަކާއި ސިޔާދަތުގެ އަސްލީ ވެރިންނަކީ ރައްޔިތުންކަން ރައީސަށް ހަނދާންކޮށްދެއްވަމުން ޑރ. ދީދީ ވިދާޅުވީ، ރައްޔިތުން ވެރިކަން ހަވާލުކުރީ ގާނޫނުއަސާސީ ރައްކާތެރިކުރުމަށް ހުވައިކުރުވުމަށްފަހު ޝަރުތުތަކަކާ އެކު ކަމަށެވެ. ނަމަވެސް، އަމިއްލަ ޒާތީ މަސްލަހަތު އިސްކޮށް، ގާނޫނުއަސާސީން ލިބިދޭ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެފެރަންޑަމްއަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނެކަން މި ވޯޓުން ޝައްކެއް ނެތް މިންވަރަށް ސާފުވެއްޖެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.










