
މިހާރު އޮތް ޕީއެންސީގެ ސަރުކާރަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލާ ފާސިދު އަމަލުތަކެއް ހިންގަމުންދާ ބައެއްގެ ގޮތުގައި ސިފަކުރައްވާ، އެފަދަ ބަޔަކަށް ލޯކަލް ކައުންސިލް އިންތިހާޞުގައި ވޯޓުދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރަށް ތާއީދުކޮށް ވޯޓުދީގެން ނޫނީ ތަރައްޤީއެއް ނުގެނެވޭނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ތަންދޮރު ނޭނގި ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ފާޑުވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓު ރީޕޯސްޓުކުރައްވާއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޑރ. އަހުމަދު ވަނީ ވަކި ބައެއްގެ ޒާތީ މަސްލަހަތުތަކެއް ހާސިލުކުރުމަށްޓަކައި އަތޮޅު ކައުންސިލްތައް އުވާލުމަށާއި، އައްޑޫ ސިޓީ ކައުންސިލްގެ ބާރުތައް ކުޑަކޮށް "ސައިޒު" ކުރުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާކަން ފާހަގަކޮށް، ސަރުކާރަށް ފާޑުވިދާޅުވެފައެވެ. މިއީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް ހިންގާ ފާސިދު އަމަލުތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
ޑރ. އަހުމަދު އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ނައްތާލަން މަސައްކަތްކުރާ ފަރާތްތަކަކީ ރައްޔިތުންގެ ބާރުވެރިކަމަށް ހުރަސް އަޅާ ބައެއް ކަމަށެވެ. އެހެންކަމުން، އެފަދަ ފާސިދު ސިޔާސީ ފިކުރެއް ތަމްސީލުކުރާ ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނޯއްނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި މޭރުމުން ޑރ. އަހުމަދު ވާހަކަދައްކާފައިވާއިރު، ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ގުޅުވައިގެން ސަރުކާރުން ބުނަމުންދަނީ، ސަރުކާރު ތަމްސީލުކުރާ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ނޫނީ ރަށްރަށަށް ތަރައްޤީ ނުގެނެވޭނެ ކަމަށެވެ.
ނަމަވެސް، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މިހާރުވެސް މަގުފަހިކޮށްދީފައިވާ ނިޒާމެކެވެ.










