March 28, 2026
Advertisement
ރާއްޖޭގެ ކޯޓުތަކުގައި ކަން ހިނގަނީ ދުނިޔޭގެ ކޯޓުތަކާ ހިލާފަށް: ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު
ރާއްޖޭގެ ކޯޓުތަކުގައި ކަން ހިނގަނީ ދުނިޔޭގެ ކޯޓުތަކާ ހިލާފަށް: ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު / ސޯޝަލް މީޑިއާ

ރާއްޖޭގެ ކޯޓުތަކުގައި ކަން ހިނގަނީ ދުނިޔޭގެ ކޯޓުތަކާ ހިލާފަށް: ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 26, 2026, 02:30 PM
މާލެ ސިޓީ

ރާއްޖޭގެ ކޯޓުތަކުގައި ކަން ހިނގަނީ ދުނިޔޭގެ ކޯޓުތަކާ ހިލާފަށް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

Advertisement

ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވިތާ 15 ދުވަސް ވީއިރުވެސް އެ ބިލާ މެދު ގޮތެއް ނިންމަވާފައި ނުވާތީ، އެ ބިލަކީ މިހާރު ބާތިލްވެފައިވާ ބިލެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމު ކޯޓަށް ހުށަހެޅުއްވި މައްސަލަ އެކޯޓުން ބޭރުކޮށްލުމާ ގުޅިގެން ޑރ އަހުމަދު ވަނީ އެކަމަށް ނަޒަރު ހިންގަވާ ލައްވާ ކަންބޮޑުުވުން ފާޅުކުރައްވާފައެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ،  ދުނިޔޭގެ ސުޕްރީމް ކޯޓުތަކާއި ދުސްތޫރީ ކޯޓުތަކުގެ އާންމު އުސޫލުތަކާ ޚިލާފަށް ރާއްޖޭގައި ކަންކަން ހިނގަމުންދާ ކަމަށެވެ.

އެގޮތުން، ރަޖިސްޓްރާއަށް މައްސަލައެއް ބޭރުކޮށްލެވޭނީ، އެ މައްސަލައެއް ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ ފޯމަލިޓީސް ފުރިހަމަނުވާ ނަމަ ނުވަތަ ކޯޓަށް އިޚްތިޞާޞް ލިބިގެންނުވާކަން ސާފުކޮށް އެނގެން އޮތް ހާލަތްތަކުގައި އެކަނި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މައުޟޫޢީ ގޮތުން މައްސަލައަކާ މެދު ގޮތެއް ނިންމުމަކީ ފަނޑިޔާރުން ކުރަންޖެހޭނެ ކަމެއް ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ވެސް ޑރ. އަޙްމަދު ވަނީ ޤާނޫނީ ބަހުސެއް ކުރަށްވާފައެވެ. އޭނާ ވިދާޅުވީ، އެ ބިލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، 263 ވަނަ މާއްދާއާއި 264 ވަނަ މާއްދާގައި ބަޔާންވެގެންވާ އުޞޫލުތައް ހިނގާނެ ބިލެއް ކަމަށެވެ.

އެގޮތުން ޤާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބަޔާންކުރަނީ ބިލެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާތާ 15 ދުވަސް ތެރޭގައި އެ ބިލު ތަޞްދީޤުކުރަން ނުފެންނަ ނަމަ މަޖިލީހަށް އަންގަންވާނެ ކަމަށާ އަދި އެ މުއްދަތުގައި ނާންގައިފި ނަމަ އެ ބިލެއް ތަޞްދީޤުކުރީ ކަމަށް ބެލޭނެ ކަމަށް އޮތް ނަމަވެސް، މި މައްސަލާގައި އެ އުސޫލު ނުހިނގާނެ ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ .ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، 15 ދުވަސް ފާއިތުވެގެން ދިޔައީ ޣައިރު ދުސްތޫރީ އިޖުރާއާތެއްގެ ދަށުން އެ ބިލާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާ ނިންމުމުގެ ސަބަބުން ކަމަށްވާތީއެވެ.

އެހެންކަމުން، އެ ބިލަކީ މިހާރު ދުސްތޫރީ ގޮތުން ބާޠިލް ބިލެއް ކަމަށް ބަލަންޖެހޭ ކަމަށް ވެސް ޑރ. އަޙްމަދު ވިދާޅުވިއެވެ.މި މައްސަލައަކީ ވަރަށް ސާފު މައްސަލައެއްގެ ގޮތުގައި ސިފަކުރައްވަމުން ޑރ. އަޙްމަދު ވަނީ ކޯޓުތަކުގެ އިޖުރާއާތުތައް ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އަލީ ހުސެއިން ހުށަހެޅުއްވި މައްސަލަ ބަަލއިނުގަނެ ބޭރުކޮށްލަމުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުގައި ވަނީ، ބިލަކާމެދު ގޮތެއް ނިންމަން ގާނޫނުއަސާސީން ދީފައިވާ 15 ދުވަހުގެ މުހުލަތަކީ ރައީސުލްޖުމްހޫރިއްޔާ ބިލެއް ތަސްދީގު ނުކުރައްވަން ނިންމަވާ ހާލަތްތަކުގައި އަމަލުކުރަންޖެހޭ މުއްދަތެއް ކަމަށެވެ. އަދި މި ބިލަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން މެނުވީ ތަސްދީގު ނުކުރެވޭނެ ބިލަކަށް ވާތީ، 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ނުޖެހޭނެ ކަމަށް ރަޖިސްޓްރާ ކަނޑައެޅުއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved