
ގާނޫނުއަސާސީއާ ކުޅުމަކީ ފަސޭހަ ކަމެއް ނޫންކަން ރައްޔިތުން ސަރުކާރަށް އަންގާލަދީފި ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޑރ ދީދީ ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރެފްރެންޑަމްގެ ނަތީޖާއިން ހާމަވެގެންދިޔައީ، ދިވެހި ރައްޔިތުން ގާނޫނުއަސާސީގެ ބާރުތައް ހިމާޔަތްކުރަން ބޭނުންވާ މިންވަރު ކަމަށެވެ.
ޑރ އަހުމަދު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރާއި، އިލެކްޝަންސް ކޮމިޝަން ގުޅިގެން ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ އަސްލު މަގްސަދަކީ ރެފްރެންޑަމް ކާމިޔާބުކުރުން ކަމަށާ ނަމަވެސް، ރައްޔިތުންގެ ނިންމުން އައީ ސަރުކާރުން ހީކުރި ގޮތާ މުޅިން ޚިލާފަށް ކަމަށެވެ
މީގެ އިތުރުން ރެފްރެންޑަމް ނާކާމިޔާބުވި އެންމެ ބޮޑު ސަބަބަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާއި، ބާރުތައް ވަކިވެފައި އޮންނަ ނިޒާމަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން ޤާނޫނު އަސާސީއަށް އިސްލާހުތައް ހުށަހެޅުން ކަމަށް ތުހުމަތު ކުރައްވާ އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް "ޗެކްސް އެންޑް ބެލެންސަސް" ގެ ތެރެއިން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް އޮތުމަކީ ރައްޔިތުންގެ ބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ
ރައްޔިތުން ބޭނުންވީ ގާނޫނުއަސާސީއާ ކުޅުމަކީ ފަސޭހަ ކަމެއް ނޫންކަން އަންގާލަދޭން ކަމަށާ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަކީ ރައްޔިތުން އެދޭ ކަމަކަށް ނުވާތީ، ރައްޔިތުން ނުކުމެ ގާނޫނުއަސާސީ ހިމާޔަތްކުރީ ކަމަށް ވެސް ޑރ. އަހުމަދު ވިދާޅުވެފައިވެއެވެ.










