އައު އަހަރު ފާހަގަކުރުމުގެ ގޮތުން އެރުވި ޑްރޯން ޝޯވްގައި ދެއްކި ރައީސް މުހައްމަދު މުއިއްޒުގެ ޝަހުސު ވައްތަރީ މަޝްހޫރު ނެޓްފްލިކްސް ސީރީސް "ސްޓްރޭންޖާރ ތިންގްސް" ގެ ނުބައި ބައި ކުޅޭ ކެރެކްޓަރާކަމަށް ބުނެ ޖޯކު ޖަހަން ފަށައިފިއެވެ.
އެކްސް، ފޭސްބުކް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ޑްރޯންތަކުން ރައީސް މުއިއްޒުގެ ޝަހުސު އަރުވާފައިވާއިރު އޭގެ ފޮޓޯ އަދި ވީޑިއޯ އަންނަނީ ދައުރުކުރަމުންނެވެ. ގިނަ ބަޔަކު އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނައިރު އަނެއް ބަޔަކު އަންނަނީ މަލާމަތްކުރަމުންނެވެ.
އެގޮތުން ޓިކްޓޮކްގައި "އޭއައި" ބޭނުންކޮށްގެން ވީޑިއޯ އެޑިޓުކުރުމަށްފަހު "ސްޕޮއިލަރ އެލާޓް، ވެކްނާ އިޒް މުއިއްޒު" ޖަހާފައި ވެސް ވީޑިއޯތަކެއް ވަނީ ޕޯސްޓުކޮށްފައެވެ.
ސްޓްރޭންޖަރ ތިންގްސް އަށް މިދުވަސްވަރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ އެ ސީރީސްގެ ފަހު ސީޒަން ނެރުމުންނެވެ. އެގޮތުން ދިވެހީންގެ ތެރޭގައި ވެސް މި ސީރީސް މަގުބޫލުވެފައިވާއިރު ރައީސް މުއިއްޒާއި އެ ސީރީސްގެ ވިލެން "ވެކްނާ" އާއި ވައްތަރުކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އޭއައި ވީޑިއޯގައި ކޮމެންޓް ކުރަމުންނެވެ.