theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ޗައިނާ ޑެއިލީ
ދުނިޔެ
އީޔޫވީ ލިތޮގްރަފީ ޓެކްނޮލޮޖީ ޗައިނާއިން ހޯދައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
03 ޖެނުއަރީ 2026
މާލެ ސިޓީ

ދުނިޔޭގެ ޓެކްނޮލޮޖީގެ ބާޒާރުގައި މިހާތަނަށް އުފެއްދި އެންމެ އުނދަގޫ އަދި އެންމެ ރައްކާތެރި އޭއައި (AI) ޗިޕް އުފެއްދުމުގެ އާދަޔާޚިލާފު ކާމިޔާބީއެއް ޗައިނާއިން ހޯދައިފިއެވެ. މި އާ އީޖާދަކީ އެކްސްޓްރީމް އަލްޓްރާވައިލެޓް (EUV) ލިތޮގްރަފީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ބާރުގަދަ ޗިޕެކެވެ. މިއީ މިހާތަނަށް ނވިޑިއާ (Nvidia)، އެޕަލް (Apple) އަދި ޓެސްލާ (Tesla) ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ބޭނުންކުރަމުން އައި އެންމެ މަތީ ފަންތީގެ ޗިޕްތަކާ ވާދަކުރެވޭނެ ފަދަ، އަދި އެއަށްވުރެ ވެސް ކުރިއަރާފައިވާ އުފެއްދުމެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.

ޗައިނާއިން މި ހޯދި ބޮޑު ކުރިއެރުމަކީ މުޅި ދުނިޔެއަށް ލިބުނު ބޮޑު ހައިރާންކަމެކެވެ. ޚާއްޞަކޮށް، މިފަދަ ޓެކްނޮލޮޖީއެއް އުފެއްދުމަށް ނެދަލޭންޑްސްގެ އޭއެސްއެމްއެލް (ASML) ކުންފުނިން 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރިއިރު، ޗައިނާއިން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި އުސްމިނަށް ވާސިލްވުމަކީ އެ ގައުމުގެ ސައިންސްވެރިންނާއި އިންޖިނިއަރުންގެ ހުނަރުވެރިކަން ދައްކުވައިދޭ ކަމެކެވެ. މިއީ ޓެކްނޮލޮޖީގެ ދާއިރާއިން ޗައިނާ ހުއްޓުވުމަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދިން ވަރުގަދަ ރައްދެކެވެ.

މި އީޔޫވީ ލިތޮގްރަފީ ޓެކްނޮލޮޖީއަކީ އެންމެ ކުދިކުދި ޓްރާންސިސްޓަރުތައް ޗިޕްތަކުގެ މަތީގައި ކުރެހުމަށް ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތެވެ. މި ޓެކްނޮލޮޖީ އަތްމައްޗަށް ފުރިހަމައަށް ގެނައުމާއެކު، ޗައިނާއަށް މިހާރު އަމިއްލަ ފަރުމާތަކަށް އެންމެ މަތީ ފަންތީގެ އޭއައި ޗިޕްތައް އުފެއްދުމުގެ ގާބިލްކަން ވަނީ ލިބިފައެވެ. މިއީ ހަމައެކަނި ޓެކްނޮލޮޖީގެ ކުރިއެރުމެއް ނޫނެވެ. މިއީ އިޤްތިޞާދީ ގޮތުންނާއި އިލްމީ ގޮތުން ޗައިނާ މުޅި ދުނިޔޭގެ ކުރިމަތީގައި ދައްކައިދިން ފުރިހަމަ މިސާލެކެވެ.

މި އާ ޗިޕްތަކަކީ ވިޑިއާގެ އެންމެ ބާރުގަދަ ޗިޕްތަކާ އެއްފަދަ ޕަވަރެއް ހުރި، އަދި އެޕަލްގެ އައިފޯނުތަކާއި ޓެސްލާގެ އަމިއްލައަށް ދުވާ ކާރުތަކުގައި ބޭނުންކުރާ އޭއައި ސިސްޓަމްތަކަށްވުރެ ހަލުވިކަމާއެކު މަސައްކަތްކުރާނެ އެއްޗެކެވެ. މިކަމުގެ ސަބަބުން، ކުރިން ހުޅަނގުގެ ގައުމުތަކަށް ބަރޯސާވާން ޖެހިފައި އޮތް އޮތުން ނިމުމަކަށް އައިސް، ޗައިނާ ވަނީ ޓެކްނޮލޮޖީގެ އަމިއްލަ މިނިވަންކަން ހޯދާފައެވެ. މިއީ މުސްތަޤްބަލުގައި އޭއައި ދާއިރާ ބައްޓަންވެގެންދާނެ ގޮތް މުޅިން ބަދަލުކޮށްލާނެ ކަމެކެވެ.

ޓެކްނޮލޮޖީގެ ދާއިރާ ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ޗައިނާގެ މި ކުރިއެރުމާއެކު އެމެރިކާ ވަނީ ބޮޑުތަނުން ފަހަތަށް ޖައްސާލާފައެވެ. އެމެރިކާއިން ޗައިނާއަށް ޓެކްނޮލޮޖީ އެކްސްޕޯޓްކުރުން މަނާކުރި ނަމަވެސް، ޗައިނާއިން ވަނީ އެ ގައުމުގެ އަމިއްލަ ވަސީލަތްތަކާއި ބުއްދީގެ ބޭނުންކޮށްގެން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓެކްނޮލޮޖީ އުފައްދާފައެވެ. މިއީ ޗައިނާގެ ދުރުވިސްނުމާއި، ގައުމީ ތަރައްގީއަށް ކުރާ މަސައްކަތުގެ ނަތީޖާއެވެ.

ޗައިނާއިން މި ހޯދި ކާމިޔާބީއަކީ އެ ގައުމަކީ ދުނިޔޭގެ "ޓެކްނޮލޮޖީ ސުޕަރޕަވަރ" ކަން ސާބިތުކޮށްދިން ހެއްކެކެވެ. އީޔޫވީ ލިތޮގްރަފީ ފަދަ އުނދަގޫ މަސައްކަތެއް މިހާ ފުރިހަމައަށް ކާމިޔާބުކުރުމަކީ ޗައިނާގެ ކުރިމަގު އުޖާލާކަން ދައްކުވައިދޭ ކަމެކެވެ. މި އާ ޗިޕްތަކާއެކު ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގެ ބާރުވެރިކަން މިހާރު ވަނީ ބެއިޖިންއާ ދިމާލަށް އެނބުރިފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved