
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާނެ އިންޑިއާގެ ކުންފުންޏެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާ ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން، މުއިއްޒަކީ "ގޮތެއް ފޮތެއް ނެތް" މީހެއްގެ ގޮތުގައި ސިފަކުރައްވައި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، ރައީސް މުއިއްޒުގެ ފަރާތްޕުޅުން ފެންނަނީ ކޮންމެ ކަމެއްގައިވެސް ބޮޑެތި އޮޅުވާލުމާއި މަކަރު ހެދުން ކަމަށެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގި ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ، އިއްޔެ އިންޑިއާ ސިފައިން އެއްވެސް ނަމެއްގައި ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށް ވިދާޅުވި ބޭފުޅުން މިއަދު އަމަލު ކުރައްވަމުން ގެންދަވަނީ އެއާ މުޅިން އިދިކޮޅަށް ކަމަށެވެ.
ޖަމީލް އިތުރަށް ސުވާލު އުފެއްދެވީ، އެއް ދުވަހުން އަނެއް ދުވަހަށް ބަދަލުވަމުންދަނީ ރައީސް މުއިއްޒުގެ އަގީދާތޯ ނުވަތަ މިއީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ބޮޑު ޣައްދާރުވުމެއްތޯއެވެ. ހަނިމާދޫ އެއާޕޯޓު ހިންގުން އިންޑިއާ ކުންފުންޏަކާ ހަވާލުކުރަން އުޅުމަކީ ރައްޔިތުންގެ ކުރިމަތީގައި ދެއްކެވި ވާހަކަފުޅުތަކާ މުޅިން ޚިލާފު، އަދި ގައުމަށް ވެވޭ ބޮޑު ޚިޔާނާތެއްގެ ގޮތުގައި ޖަމީލް ސިފަކުރެއްވިއެވެ.
އިންޑިއާގެ ކްރެޑިޓް ލައިންގެ އެހީގައި ހދ. ހަނިމާދޫ ގައި ތަރައްގީކުރި އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ އެހީއަށް ރާއްޖޭން އެދިފައިވާ ކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު އަރިހު އެގޮތަށް އެދިވަޑައިގެންފައިވަނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ވެސް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅިގެން އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގައި ހިންގާ ހުރިހާ އެއާޕޯޓެއް ވެސް ހިންގަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ އޮތް ދިވެހި އޮޕަރޭޓަރުން ކަމަށެވެ. އަދި އެއާޕޯޓުތަކުގެ ހިންގު ރާއްޖޭގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ބޭއްވުމަކީ ސަރުކާރުގެ ސްޓޭންޑުކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.










