March 13, 2026
Advertisement
-
- / ތޭރަ އޮންލައިން

"އިލްމެއް ހިލްމެއް ނެތް": މުއިއްޒު ސަރުކާރުގެ އިސްވެރިންގެ ފުރައްސާރަ އިންތިހާއަށް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 5, 2026, 01:34 AM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ފެންނަމުންދާ ބޭއަދަބީ އަމަލުތަކުގެ ސަބަބުން، މުޅި ސަރުކާރުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓި، ގައުމުގެ އަބުރަށް ބޮޑެތި ލޮޅުންތަކެއް އަރަން ފަށައިފިއެވެ. ގައުމެއްގެ އިސް މަގާމުތަކަކީ ނަމޫނާ ދައްކަންޖެހޭ ފަރާތްތަކަކަށް ވީނަމަވެސް، މިއަދުގެ ސަރުކާރުގެ އިސްވެރިންގެ ފަރާތުން ފަރާތުން ފެންނަމުންދަނީ މަލާމާތާއި ފުރައްސާރަކުރުމުގެ ހިތާމަވެރި މަންޒަރުތަކެކެވެ.

Advertisement

މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު، ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި ކަނބަލަކު އަވަށްޓެރި ގައުމެއްގެ ބޮޑުވަޒީރަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކުރި ބޭއަދަބީ ފުރައްސާރައަކީ ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ނަން ކިލަނބުވެ، ޚާރިޖީ ގުޅުންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމެކެވެ. މިއީ ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކޮށްފައި ތިބި ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަސައްރަފު ފުދުމާއި، "އިލްމެއް ހިލްމެއް" ނެތްކަން ހާމަވެގެންދިޔަ ފުރަތަމަ ބޮޑު ހާދިސާއެވެ.

މިފަދަ އަމަލުތައް ތަކުރާރުވަމުންދާކަން ހާމަވެގެންދިޔައީ، މި ހަފްތާގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ސޯޝަލް މީޑިއާގައި އާންމު ޒުވާނަކަށް އަމާޒުކޮށް ވަރަށް ދަށު ދަރަޖައިގެ މަލާމާތާއި ފުރައްސާރަ ރައްދުކުރި މައްސަލައާ ގުޅިގެންނެވެ. އިޖުތިމާއީ ރައްކާތެރިކަމާއި އަދަބު އަޚުލާގު ކުރިއެރުވުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ މިނިސްޓްރީއެއްގެ އިސްވެރިއެއްގެ ފަރާތުން މިފަދަ އަމަލެއް ފެނުމަކީ، މި ސަރުކާރުގައި ތިބި ބޭފުޅުންގެ ފެންވަރާމެދު ރައްޔިތުން ސިއްސުވާލި ކަމެކެވެ.

ސަރުކާރުގެ މަތީ މަގާމުތަކަކީ އިލްމީ، ގާބިލު އަދި ކެތްތެރި ބަޔަކު ތިބެންޖެހޭ މަގާމުތަކެކެވެ. ނަމަވެސް މުޢިއްޒުގެ ސަރުކާރުން މި ފެންނަނީ އާންމު ރައްޔިތުންނަށާއި ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އިސް މަގާމުތަކުގައި ތިބީ އެއްވެސް އަޚުލާގީ މިންގަނޑެއް ނެތް ބަޔަކުކަން ސާބިތުވަމުންދާ މަންޒަރެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އަލަށް އުފެދެމުން އަންނަ ޖީލަށް ދަސްކޮށްދެނީ، ބާރާއި ނުފޫޒު ލިބުމުން މީހުންނަށް ފުރައްސާރަކުރުމަކީ މައްސަލައެއް ނޫންކަމުގެ ނުބައި މެސެޖެކެވެ.

ޖުމްލަ ގޮތެއްގައި، ގައުމުގެ އެންމެ މަތީ މަގާމުތަކުގައި ތިއްބަވައިގެން ހިންގާ މިފަދަ ފަރުވާކުޑަ އަދި ދަށު ދަރަޖައިގެ އަމަލުތަކުން ހާމަވަނީ، މި ސަރުކާރުގެ ވެރިކަމުގެ ދުވެލި ހުރީ އިލްމީ ގޮތުންނާއި އަޚުލާގީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓުމާ ދިމާލަށް ކަމެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑެތި މުސާރަ ނަންގަވައިގެން ތިއްބަވާ ސިޔާސީ ބޭފުޅުންނަކީ އަދަބުވެރި، ނަމޫނާ ބަޔަކަށް ނުވާނަމަ، މުޅި ގައުމުގެ އިޖުތިމާއީ ފޭރާން ވީދިގެން ހިނގައިދާނެ ކަމުގެ ބިރު މިއަދު ވަނީ ބޮޑުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved