އައު އަހަރު ފެށުމުގެ މުނާސަބާ ފާހަގަކުރުމަށްކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒުގެ ޝަހުސު ދައްކާ ޕްރޮމޯޓުވުމަށް ބޭއްވި ޑްރޯން ޝޯއަށް ރައްޔިތުންގެ ފައިސާއިން ލައްކައަކަށްވުރެ ގިނަ ޑޮލަރު ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.
މައުލޫމާތު ލިބުނު ގޮތުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ފަނަރަ މިނިޓުގެ ޑްރޯން ޝޯއަށް ހަ ސަތޭކަ އެއްހާ ޑްރޯން ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޕައިރޯ ޑްރޯންގެ ގޮތުގައި ހަތްދިހަ ފަސް ޑްރޯން ބޭނުންކޮށްފައިވެ އެވެ.
އާންމުކޮށް ބޭނުންކުރާ ޑްރޯން އާއި ޕައިރޯ ޑްރޯންގެ ތަފާތަކީ އެ ޑްރޯންތަކުން ހަވާގެ ކުޅިވަރުތައް ވެސް ފެންނަ ކަމެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން ދައުލަތުގެ ވަސީލަތްތަކާއި ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ވެރިމީހާގެ އަމިއްލަ ޝަހުސު އިސްތިހާރުކޮށް ޕްރޮމޯޓު ކުރުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގަންނަ ކަމެއް ނޫންކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އައު އަހަރުގެ މި ޑްރޯން ޝޯވް ސަރުކާރުން ރޭވީ ރައީސްގެ މަގުބޫލުކަން އިތުރުކުރުމުގެ މަގްސަދުގައި ކަމަށް ވިޔަސް، ނަތީޖާ ފެނުނީ އޭގެ އިދިކޮޅަށެވެ. ޝަހުސު ދައްކާލަން އުޅުމުގެ ތެރެއިން އެކަން ވެގެންދިޔައީ މުޅި ސޯޝަލް މީޑިއާގައި ދައުރުވާ ބޮޑު "މީމް" އަކަށެވެ.