theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / އަލްޖަޒީރާ
ދުނިޔެ
ވެނެޒުއޭލާއަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ޗައިނާއިން ބުނެފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
04 ޖެނުއަރީ 2026
މާލެ ސިޓީ

ވެނެޒުއޭލާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަނެ، އެ ގައުމަށް ހަމަލާދިނުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، އެ ވުޒާރާގެ ތަރުޖަމާނު ވަނީ އެމެރިކާއިން ފާޅުކަން ބޮޑު ގޮތެއްގައި ބާރުގެ ބޭނުންކުރުމާއި، ވެނެޒުއޭލާގެ މިނިވަންކަމަށް އަރައިގަތުމަށް ކުރާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ވެނެޒުއޭލާގެ ރައީސް ނިކޮލަަސް މަދޫރޯއާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ޗައިނާއިން ފާހަގަކޮށްފައިވެއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވަނީ، އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބާރުތަކުން ނުފޫޒު ފޯރުވުމަކީ ދުނިޔޭގެ ސުލްހަ މަސަލަސްކަން ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި ކޮންމެ ގައުމަކަށްމެ އެ ގައުމެއްގެ އަމިއްލަ ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަށްވެސް ޗައިނާގެ ތަރުޖަމާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާއިން ވެނެޒުއޭލާއަށް ދެމުންދާ އިންޒާރުތަކާއި ކުރިމަތިކުރާ ޕްރެޝަރުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާ ކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައުން މިކަމާ މެދު ސަމާލުވުމަށް ޗައިނާއިން ވަނީ ގޮވާލާފައެވެ.

ވެނެޒުއޭލާގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ޗައިނާއިން ވަނީ އެ ގައުމުގެ ގާނޫނީ ސަރުކާރަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. އެމެރިކާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވަމުންދާކަން ޗައިނާއިން ފާހަގަކޮށްފައިވެއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއާއި ވެނެޒުއެލާގައި ހުންނަ ޗައިނާ އެމްބަސީން ވަނީ ވެނެޒުއޭލާއަށް ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އެމެރިކާއިން ވެނެޒުއޭލާއަށް ދިން ހަމަލާތަކަށް ފަހު މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޮރެސް ހިފަހައްޓައިގެން ގެންގޮސް މިހާރު ބެއިތިއްބެވީ ނިއު ޔޯކްގެ ޖަލެއްގައި ބަންދުކޮށްފައި ކަމަށް އެމެރިކާއިން ބުނެއެވެ.


ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved