މާލެ ސިޓީގެ މޭޔަރުކަމަށް ގައުމީ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު ހޮވިއްޖެނަމަ، މާލެ ސިޓީ ކައުންސިލް އެއްކޮށް 'ރީސެޓް' ވެ، އެތަނުގައި ހިނގާފައިވާ ހުރިހާ ކަމެއް އަލުން ބަލައި ފެންމަތިވެގެންދާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އިން ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް ދެއްކެވި ވާހަކަފުޅުތަކަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް މުޢިއްޒު މޭޔަރުކަމުގައި ހުންނެވިއިރު ހީނާމާގެ ވިއްކާލި އެއްބަސްވުމެއް ކައުންސިލްގައި ނެތް ކަމަށް އާޒިމް ވިދާޅުވުމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، އާޒިމަކީ ޒިންމާދާރު ބޭފުޅަކަށްވެ ހުރެ އެފަދަ ވާހަކަތައް ދައްކާއިރު ރައްޔިތުން ފުރައްސާރަ ކުރާނެ މިންވަރު އަމިއްލަފުޅަށް ނޭނގެނީތޯއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެއްބަސްވުން ނެތް ކަމަށް ވަންޏާ އެއީ ނުހިނގާ ކަމަކަށް ހައްދަވާ ނުވަތަ އެއްބަސްވުން ގެންނަން އާޒިމްގެ ބޭބެ އަރިހުގައި ދެންނެވުމަށެވެ. ކަންތައްތައް މިހެން ހުރިއިރުވެސް މިވަރުގެ ބޮޑެތި 'ހެޑްލައިން' ހަދައިގެން އުޅެނީ ކީއްވެގެންތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި ޒަރިޔަންދު މޭޔަރަކަށް އަތުވެއްޖެނަމަ މުޅި ތަން ރީސެޓް ވާނެއެވެ. އަދި "އަންދާލި" ތަންތަންވެސް ރީސެޓްވެ، މިހާރު އޮއްބަން އުޅޭ ހުރިހާ ކަމެއް ރައްޔިތުންނަށް ހާމަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޔާމީނަށް އެނގިވަޑައިގެންފައިވާ ގޮތުގައި، ރައީސް މުޢިއްޒުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޒަރިޔަންދު މޭޔަރަކަށް ހޮވިދާނެ ކަމުގެ ބިރު ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އެހެންވީމަ ޒަރިޔަންދު ފަދަ ގާބިލު ކޮމްޕީޓެންޓް މީހެއް ހޮވަން މިޖެހެނީ، އޭރުން އެތަނުގައި ހިނގާފައިވާ ހުރިހާ ކަމެއް އަލުން ބަލައި ފެންމަތިވެގެންދާނެ، ހުރިހާ ތަނެއްވެސް ރީސެޓްވާން އެބަޖެހޭ،
ޕީއެންއެފް އިން ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރާ މަސައްކަތުގެ ޕްރެޝަރާ ހުރެ ބިމުގެ މައްސަލަތައް ހައްލުކުރަން އާޒިމް ޖަލްސާ އެޖެންޑާ ކުރެއްވިޔަސް، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ދުވެ ފިލަމުންދާ ކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.
ޒަރިޔަންދު ފަދަ ގާބިލު ބޭފުޅެއް މޭޔަރު ކަމަށް ހޮވަން ޖެހެނީ މިފަދަ ސަބަބުތަކަށްޓަކައި ކަމަށްވެސް އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.