އިންތިހާބުތަކާ ދިމާކޮށް ރައީސް އަބްދުﷲ ޔާމިން ޖަލުގައި ނުވަތަ ހުކުމެއްގައި ބަނދެފައި ބަހައްޓަމުން އައި ސަގާފަތަށް ބަދަލެއް ނާންނަ ކަމަށް ރައީސް ޔާމީންގެ ތާއީދާ އެކު މާލެ ސިޓީ ކައުންސިލްގެ މޭޔަރ ކަމަށް ކުރިމަތި ލައްވާ ކެންޑިޑޭޓު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.
ހުސެއިން މިފަދައިން ވިދާޅުވީ، ރައީސް ޔާމީންގެ އިސްތިުނާފް މައްސަލައިގެ ހުކުމގެ އަޑު އެހުން ތާވަލްނުކޮށް ހައި ކޯޓުން ލަސް ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުމާ އެކު އެމަނިކުފާނުގެ އާިލާ އާ އެމަނިކުފާނުގެ ސަޕޯޓަރުން ބުދަ ދުވަހު އެ ކޯޓަށް ވަޑައިގެންނެވުމަށްފަހު ޗެނަލް13އަށް ދެއްވި ބަސްދީގަތުމުގައެވެ.
ހުސެއިން ވިދާޅުވި، 2018 ވަނަ އަހަރު ވެރިކަން ފުރޮޅު އައި ހުރިހާ އިންތިހާބެއްގައި ރައީސް ޔާމީން ހުންނެވީ ނުހައްގު ބަންދެއްގައި ކަމަށާ އޭރު ޕީޕިއެމް ޕީއެންސީގެ ލީޑަރޝިޕުންވެސް އެންމެ ބާރަށް ދެއްކި ވާހަކައަކީ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ރައީސް ޔާމީންއަށް އަނިޔާ ދެމުން ގެންދިޔަ ވާހަކަކަމަށާ ނަމަވެސް އެމަނިކުފާނުގެ ހުސް ގޮނޑި ދައްކައިގެން އެމަނިކުފާނުގެ މެނިފެސްޓޯ ވިއްކައިގެން ގެނައި ސަރުކާރަކުންވެސް އެމަނިކުފާނާ މެދު ކުރިއެކޭ އެއްފަދައިން އަމަލުކުރަމުން ގެންދާ މަންޒަރު ފެނުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއްކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.
މިހާރުވެސް މި ދައްކަން ޖެހެނީ ހަމަ އެވާހަކަ. އަޅުގަޑުމެން ރައީސް ޔާމީންގެ މަސައްކަތުން ގެނައި ސަރުކާރެއްގައި މި ފެންނަނީ ރައީސް ޔާމީންއާ ދޭތެރޭގައި ވަރަށް އިންސާފުން ބޭރުން އަމަލުތައް ކުރަމުން ގެންދާ މަންޒަރު. އިންތިހާބުތަކެއް ކުރިއަށް އޮތީތީ ސަރުކާރުގެ ކޮންމެވެސް ހިސާބަކުން ބައިވެރިވުމަކާ އެކު މައްސަލަތަކުގެ ޝަރީއަތްތައް ލަސްކުރަމުން ދާތަން މިފެންނަނީ. 2019 ވަަނ އަހަރުވެސް ފެނިގެން ދިޔައީ އެފަދަ މަންޒަރެއް. ހަމަ މިހާރުވެސް ފެންނަމުން މިދަނި ދާދި އެއްކަހަލ މަންޒަރެއް.
ހުސެއިން އިތުރަށް ވިދާޅުވީ މިފަދަ މަންޒަރުތަކުން ރައްޔިތުން މާޔޫސް ކުރުވަމުން ގެންދާ ކަމަށާ އެގޮތުން މިނިވަން ޖުޑިޝީއަރީއަކަށް ރައްޔިތުން ކުރަމުން އައި އުއްމީދަށް ކިލަނބު ކަމެއް އައިސްފައިވާކަމަށް ހުސެއިން ވިދާޅުވިއެވެ.
ހުސެއިން މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީން ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވަންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގެ ކެމްޕެއިން ތެރޭޣައި ވިދާޅުވި ނަމަވެސް ވެރިކަމަށް 2 މަސް ދުވަސް ފުރި ތިން މަހާ ކައިރިވެފައިވާއިރު، މި ސަރުކާރު ފެށުނު އިރުވެސް ހުކުމާ ހަމައަށް ވާސިލްވެފައި އޮތް ރައީސް ޔާމީންގެ މައްސަލަ ނުނިންމާ ދަނީ ދިގު ދަންމަމުން ކަން ފާހަގަކޮށްލެވެއެވެ. ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި މިހާރު ރައީސް ޔާމީންގެ މައްސަލަ ނުނިންމާ ދިގު ދަންމަނީ އެމަނިކުފާނު އުފައްދަވާ އައު އިން ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ނުކުމެ ބޮޑު ތާއީދާއެއް ހޯދާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.