ސަރުކާރުގެ ވެރިންގެ އަމަލުތަކުން މިއަދު ސިފަކުރެވެމުން ދަނީ ބަދަލު ހިފުމުގެ ރޫހެއް ގެންގުޅޭ މަންޒަރުކަމަށް ކުރީގެ ކޮމިޝަނަރ ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.
ހުސެއިން ވަހީދު މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ހުސެއިން ވަނީ، ރައީސް އަބްދުﷲ ޔާމީނާ މެދު މި ސަރުކާރުގެ ވެރިންގެ ހިތްތަކުގައި ވަނީ ނަފްރަތާ ބަދަލު ހިފުންކަން ހާމަވާ ސަބަބަކީ، 2016 ވަނަ އަހަރު ރައީސް ޔާމީން ހައްޔަރުކުރަން މާމިގިލީ ކޯޓުން އަމުރު ނެރެ، ހިނގައިދިޔަ ކަންތައްތަކުގެ ތެެރޭގައި އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒާއި މަޖިލިސް ރައީސްގެ ގޮތުގައި ހުރި އަބްދުއްރަޙީމާ މި ދެބޭފުޅުންގެ ނަން ފުލުހުންގެ ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައި އޮތް އޮތުމެވެ.
ހުސެއިން އިތުރަށް ވިދާޅުވީ، އެ ރިޕޯޓުގައި ވާ ގޮތުން ރައީސް ޔާމީން މަރާލުމަށް ރޭވި ކަންކަން ކޮށް ނިމުމުން އަބްދުއްރަހީމަށާއި ޑރ. މުއިއްޒަށް އެތައް މިލިއަން ރުފިޔާއެއް ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންވީމަ ސުވާލަކީ 2014 ވަނައަހަރުން ފެށިގެން 2016 ވަނަ އަހަރުން ފެށިގެން ހިތުތެރޭގަ ނަފްރަތުތަކެއް އެބަހުއްޓޭ ވަކި ބޭފުޅަކާ ދޭތެރޭގަ. މިއަދު ފެނިގެން މިދަނީ ބަދަލު ހިފުމުގެ ރޫހެއް. ބަދަލު ހިފުމުގެ ރޫހެއް ނެތް ނަމަ 2016 ވަނަ އަހަރު ހިނގައިދިޔަ ކަންތައްތަކުގެ ތެެރޭގައި ޑރ މުއިއްޒާއި އަބްދުއްރަޙީމާއި މި ދެބޭފުޅުން ހިމެނޭ ވާހަކަ ފުލުހުންގެ ތަހުގީގު ރިޕޯޓުން ނުފެނުނީސް.
ހުސެއިން އިޝާރާތް ކުރެއްވި ރިޕޯޓަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން 2018 ވަނަ އަހަރު ސޮއިކޮށް އެތާނގެ އެކްޓިންގ ކޮމިޝަނަރ ނަވާޒް ސޮއި ކުރައްވާ ރިލީޒްކޮށްފައިވާ ތަހުޤީޤް ރިޕޯޓެކެވެ.
ރައީސް ޔާމީން އަމިއްލަ އަށް ދަންޖެހި މަރުވީ ކަމަށް ދޭހަވާގޮތަށް ދައްކައިދިނުމުން މުއިއްޒު އަށާއި އަބްދުއްރަހީމަށް މިލިއަނުން ފައިސާ ހުށަހެޅި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ހާމަ ކުރެއްވިއިރު ފުލުހުންގެ ފޮރެންސިކު ރިޕޯޓަކުން އެކަމަށް ބާރުދޭ ވާހަކަތަކެއް ވަނީ ހާމަވެފައެވެ.
އެގޮތުން އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ފަހުން މަޖިލިސް މެމްބަރުކަން ވެސް ކުރައްވާފައިވާ، އަބްދުﷲ ރިޔާޒުގެ ފޯނުން ފެނުނު ވަޓްސް އަޕް މެސެޖުތަކަކުން ހާމަވެފައިވާ ގޮތުގައި މަޖިލިސް ރައީސްގެ މަގާމުގައި ހުރި އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) ވަނީ އަދީބު އަތުން 4 މިލިއަން ރުފިޔާ ނަގާފައެވެ. އަދި ރައީސް ޔާމީން ހައްޔަރުކޮށް އަޒަލުކުރެއްވިއްޖެ ނަމަ އިތުރު 16 މިލިއަން ރުފިޔާ އަދުރޭއަށް ލިބޭނެކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ ރިޕޯޓުގައި، މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެސް 14 މިލިއަން ރުފިޔާ އަދީބު އަތުން ނަގާފައިވާ ކަން ހާމަކޮށްފައިވެއެވެ.