theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ލޯކަލް ކައުންސިލް އިންތިޚާބެއްގައި ވޯޓު ލުން ކުރިޔަށް ދަނީ / ގްލޯބަލް ޓައިމްސް
ހަބަރު
ކެނޑިޑޭޓުންގެ ފޯމު ފުރަން "މައި ޕޯޓަލް" ހުޅުވާލައިފި
Yana Shareef
ޔާނާ ޝަރީފް
07 ޖެނުއަރީ 2026

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ކެނޑިޑޭޓުން ފޯމު ހުށަހެޅުމަށްޓަކައި ބޭނުންވާ މައުލޫމާތު ފުރިހަމަކުރުމަށް "މައި ޕޯޓަލް" އިލެކްޝަންސް ކޮމިޝަނުން އިފްތިތާޙުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ޕޯޓަލް މެދުވެރިކޮށް ކެނޑިޑޭޓުންގެ މަޢުލޫމާތު ފުރިހަމަކޮށް، ލިޔެކިޔުންތައް އަޕްލޯޑުކުރުމާއި އިދާރީ ފީ ދެއްކުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ރަސްމީކޮށް ހުށަހެޅޭނީ ކޮމިޝަނުން އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައި އިޢުލާނު ކުރުމުންނެވެ.

ދުރާލާ މި ޕޯޓަލް ހުޅުވާލުމުގެ މައިގަނޑު ބޭނުމަކީ ކެނޑިޑޭޓުންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައިދީ، އިންތިޚާބު އިޢުލާނުކުރުމާއެކު އަވަހަށް ފޯމު ހުށަހެޅޭނެ މަގު ފަހިކޮށްދިނުން ކަމަށް އެ ކޮމިޝަނުން ބުނެއެވެ. ކެނޑިޑޭޓުންނަށް އެފަރާތެއްގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވެވޭނެއެވެ.

މިފަހަރުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުން، އެ ދާއިރާއަކުން ވޯޓުލުމުގެ ހައްގު ލިބިފައިވާ 50 މީހުންގެ ތާއިދު ހޯދަންޖެހޭނީވެސް މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ކެނޑިޑޭޓުންގެ ކުށާއި ދަރަނީގެ ރެކޯޑުތަކާ ގުޅޭގޮތުން ކޮމިޝަނުން ބުނީ، 2025 ޑިސެމްބަރު 1 ގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ސާފުކޮށްފައިވާ ރެކޯޑުތައް އަޕްލޯޑުކުރަން ޖެހޭނެ ކަމަށެވެ. އަދި މި ރެކޯޑުތައް ނަގަންވާނީ މުޅި އުމުރަށްވާ ގޮތަށް ކަމަށްވެސް އެ ކޮމިޝަނުން އިރުޝާދު ދެއެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން އެ ކޮމިޝަނުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރަމުންނެވެ. ޕޯޓަލްއާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ކޮމިޝަނުގެ ހޮޓްލައިން 1414 އަށް ގުޅުމަށް ވަނީ އެދިފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved