February 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ހަނިމާދޫ އެއާޕޯޓް އިންޑިއާ ބަޔަކާ ހަވާލުކުރުމަކީ ބޮޑު ޖަރީމާއެއް، ސިފައިން މިކަމާ ވިސްނަންޖެހޭ: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 8, 2026, 12:51 PM
މާލެ ސިޓީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ކުންފުންޏަކާ (ޑީޕީ ވޯލްޑް) ހަވާލުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ފާޑުވިދާޅުވެ ވާހަކަ ދައްކާފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް އިން ބޭއްވި "ޓައުން ހޯލް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ތަނެއް ވިއްކާލުމަށްފަހު އެތަނެއްގައި ގެންގުޅެވޭނީ ވަކި ފެންވަރެއްގެ ބަޔެކޭ ބުނެ "ޑިކްޓޭޓް" ކުރުމުގެ ފުރުސަތު ދެން ނޯންނާނެ ކަމަށެވެ. އަދި ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ދިވެހި ރައްޔިތުންނަށް "ހަރާމް" ކަމެއް ކުރެއްވުމަށްފަހު، އެކަމުގައި "ހަލާލު" ސިފައެއް ޖެއްސުމަށް ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

އެއާޕޯޓްތަކަކީ އެއްވެސް އިރަކު ގެއްލުންވާނެ ތަންތަން ނޫންކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، ބޭރުގެ ބޯޓުފަހަރު ޖައްސާ ތަނަކުން ފައިދާވާނެ ކަމަށާއި، ފައިދާވާ މިންވަރު ބިނާވެފައި އޮންނާނީ އެތަނެއްގެ މެނޭޖުމަންޓުގެ ހިންގުންތެރިކަމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން، އެއާޕޯޓް ހިންގަން އިންޑިއާ ބަޔަކާ ހަވާލުކުރުމަކީ ހިންގުމުގެ ނިޒާމުގެ ތެރެއިން ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

"މިއީ ބޮޑުތަނުން ކުރާ ވައްކަމެއް. މިއީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫން، ސިފައިން އެބަ ޖެހޭ މިކަމާ ވިސްނަން" ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށް ވާތީ ދިވެހި ސިފައިން މިކަމާ މެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ސިފައިންނަކީ ހަމައެކަނި ބޭރުގެ އުދުވާނީ ހަމަލާތަކަށް ތައްޔާރުވެގެން ތިބެންޖެހޭ ބައެއް ނޫނެވެ. އޭގެ ބަދަލުގައި، މިފަދަ ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށާއި، އިސްތިގުލާލަށާއި، މިނިވަންކަމަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ސިފައިން ހޭލުންތެރިވާންޖެހެއެވެ.

ހަނިމާދޫ އެއާޕޯޓް އިންޑިއާ ބަޔަކަށް ދިނުމަކީ ގައުމަށް އޮތް ނުރައްކަލެއްކަން ސިފައިންނަށް އެނގެންޖެހޭނެ ކަމަށް ވިދާޅުވަމުން، ރައީސް ޔާމީން ވަނީ ސަރުކާރުގެ މި ސިޔާސަތާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved