އެމަނިކުފާނާ އިދިކޮޅު ފަރާތްތަކަކީ "ދީނާ ހިލާފު ސިޔާސީ ފިކުރެއް"ގެ ބައެއްގެ ގޮތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.
ވަގު ފޯމު ފުރައިގެން އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކުރި ވެރިކަން ކުރާ، ޕީއެންސީގެ ޕާޓީ އޮފީހެއް ހުޅުވުމުގެ ނަމުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ސަފާރީތައް މީހުން ދިރިއުޅޭ ރަށްރަށާ ކައިރީގައި އެޅުން މަނާކުރާނެ ކަމަށް ވިދާޅުވެފައެވެ.
ސަފާރީތަކުން ގެސްޓްހައުސްތަކަށް ބަނގުރާ މީހުން ދިރިއުޅޭ ރަށްރަށަށް ގެންދާ މައްސަލަތައް ފެންމަތިވެފައިވާ ކަމަށާ އެ ފަދަ މައްސަލަަތއް ހައްލުކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އަޅާ އެއް ފިޔަވަޅަކީ މީހުން ދިރިއުޅޭ ރަށްރަށާ ވަކި ދުރުމިނެއްގައި ނޫނީ ސަފާރީތަކަށް ނުތިބެވޭ ގޮތް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަންކަން ވަރަށް އަވަހަށް ގެޒެޓުވެސް ކުރާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެއާއެކު އެމަނިކުފާނު ވަނީ ޖުވާ ކުޅުން ގާނޫނީ ގޮތުން މަނާ ކުރަން އުޅުމުން އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހެދި ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މައްސަލައަކަށްވީ ދީނުގައި އޮތް ގޮތަށް އެމަނިކުފާނު ކަންތައް ކުރައްވަން މަސައްކަތް ކުރެއްވުމުން ކަމަށެވެ. އެގޮތުން އެމަނިކުފާޏު ވަނީ ޕީއެންސީއާ ޚިޔާލު ތަފާތު ސިޔާސީ މީހުންނަކީ "ދީނާ ހިލާފު ސިޔާސީ ފިކުރެއް"ގެ ބައެއްގެ ގޮތުގައި ސިފަވެސް ކުރައްވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގަވާއިދަށް ގެންނަ އެފަދަ ބަދަލުތައް ތަންފީޒުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ ކައުންސިލްތަކުން ކަމަށެވެ. އަދި ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް ހޮވިގެން ނޫނީ އެކަން ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ މި ވާހަކަތަކާ އެކު ބައެއް ފަރާތްތަކުން ބުނަމުންދަނީ އެމަނިކުފާނަކީ ދީނީ ކަންކަމަށް ވަރަށް އިސްކަން ދޭ ބޭފުޅެއްގެ ގޮތުގައި ކުރިން ހީވެފައި އޮތް ނަމަވެސް ބުރާސްފަތިދުވަހުގެރޭ އެމަނިކުފާނު އެ ދެއްކެވި ވާހަކަތަކުން ހާމަވެގެން ދިޔައީ އެމަނިކުފާނު ދީން ހަތިޔާރަކަށް ނަންގަވާ ސިޔާސީ ގޮތުން ބޭނުން ކުރަމުންދާ ކަންކަމަށެވެ.
އެހެންކަމުން އެ ސިޔާސަތު ނުވިކޭނެ ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.