theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ދަ ވީކް
ދުނިޔެ
ޓްރަމްޕްގެ ނިމުން އަންނާނީ ފިރުއައުނާއި ނަމްރޫދަށް ވީ ފަދައިން: އާޔަތުﷲ އަލީ ޚާމަނާއީ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
10 ޖެނުއަރީ 2026
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ނިމުން އަންނާނީ ތާރީޚުގައި ފެނިގެންދިޔަ އަނިޔާވެރި ރަސްކަލުން ކަމަށްވާ ފިރުއައުނާއި ނަމްރޫދަށް ޖެހުނު ފަދަ ހިތްދަތި ހާލަތެއްގައި ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ވެރިރަށް ތެހެރާންގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޚާމަނާއީ ވިދާޅުވީ، ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ދުނިޔޭގެ ނިކަމެތި ގައުމުތަކަށް ސަވާރުވާން އުޅޭ ކޮންމެ މީހަކަށްވެސް އޮތީ އިލާހީ ގާނޫނުގެ ތެރެއިން އަންނަ ނިމުން ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވަނީ ޓްރަމްޕްގެ ސިޔާސަތުތަކަކީ "ބާތިލު" އަދި "އަނިޔާވެރި" ސިޔާސަތުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"ތާރީޚުން އަހަރެމެންނަށް ފެންނަން އެބައޮތް ފިރުއައުނާއި ނަމްރޫދު ފަދަ ބާރުގަދަ ވެރިންނަށް ވީގޮތް. އެމީހުންގެ ކިބުރުވެރިކަމާއި ބޮޑާކަން އެމީހުން ހަލާކުގެ ތެރެއަށް ވައްޓާލި. ޓްރަމްޕްގެ ނިމުންވެސް ފެންނާނީ އެފަދަ ގޮތަކަށް،" ޚާމަނާއީ ވިދާޅުވިއެވެ.

އީރާނާއި އެމެރިކާގެ ގުޅުން މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޚާއްޞަކޮށް 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން ދެގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ޓްރަމްޕްގެ ވެރިކަމުގައި އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަކީ މި ރުޅިވެރިކަން އިތުރަށް ގަދަވެގެންދިޔަ މައިގަނޑު އެއް ސަބަބެވެ.

ޚާމަނާއީގެ މި ބަހުގެ ހަމަލާއަކީ އެމެރިކާގެ "މެކްސިމަމް ޕްރެޝަރ" ސިޔާސަތަށް ރައްދު ދިނުމުގެ ގޮތުންނާއި، އިސްލާމީ އުއްމަތުގެ ތެރޭގައި އެމެރިކާއާ ދެކޮޅު ރޫހެއް އާލާކުރުމަށް ދެއްވި ވަރުގަދަ މެސެޖެއް ކަމަށް ބައިނަލްއަގުވާމީ ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

މި ޚަބަރާ ގުޅޭގޮތުން ވައިޓް ހައުސްއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ޓްރަމްޕް މީގެ ކުރިން ވަނީ އީރާނަކީ ދުނިޔޭގައި ޓެރަރިޒަމަށް ވާގިވެރިވާ އެންމެ ބޮޑު ގައުމު ކަމަށް ތުހުމަތުކުރައްވާފައެވެ. އީރާނުގެ ރޫހާނީ ލީޑަރުގެ މި ވާހަކަތަކާއެކު، މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved