ރާއްޖެ ސަރަހައްދުގައި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ މަތިންދާބޯޓު ދަތުރުކުރުމުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅު އެޅުމަށް ނިންމައިފި އެވެ.
ރާއްޖޭގެ ވައިގެ ނިއަމިކަމުގެ ހިދުމަތް ދޭން ހަވާލުކުރެވިފައިވާ ފަރާތުގެ ހައިސިއްޔަތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެ ކޮންމެ ހާލަތެއް މެދުވެރިވާ ވަގުތު އަމަލުކުރާނެ އުސޫލެއް ހަދާފައިވާ ކަމަށެވެ.
ރައްކާތެރިކަމުގެ ގޮތުން އަޅާ އެއް ފިޔަވަޅަކީ ބަލައިގެން ދުއްވާ ގަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި، އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރުކުރަން އެންގުމެވެ. އެގޮތުން ދުރުފެންނަ މިންވަރު ފަސް ކިލޯމީޓަރަށް ވުރެ ދަށްވާ ހާލަތްތަކުގައި އާންމުކޮށް ބޭނުންކުރާ ވީއެފްއާރު ބޭނުންކުރުން ވަގުތީ ގޮތުން މަޑުޖައްސާލައި، އެސްވީއެފްއާރު ބޭނުންކޮށްގެން ދަތުރު ކުރުމަށް މަތިންދާބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން މީގެ ކުރިންވެސް އަމަލުކުރަމުން އައިސްފައިވާ އުސޫލެއް ކަމަށްވެސް ބުނެފައިވެއެވެ.
މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ބައެއް ފަހަރު ވީއެފްއާރު ވަގުތީ ގޮތުން މަޑުޖައްސާލައި އެސްވީއެފްއާރު ބޭނުންކުރަމުންދާ ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.