
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހޫނުމިން މިއަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ. މިއަދު މެންދުރުފަހު 2:00 އާ ހަމައަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 38 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.
މެޓް އޮފީހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިއަދު އެންމެ ހޫނުގަދަވި ކަމަށް ރިކޯޑު ކުރެވިފައިވަނީ ލ. ކައްދޫ ސަރަހައްދަށެވެ. އެ ސަރަހައްދަށް އިހުސާސްކުރެވޭ ހޫނުމިން 38.4 ޑިގްރީ ސެލްސިއަސްއަށް އެރިއިރު، ހަނިމާދޫ ސަރަހައްދުގައި ހޫނުމިން ހުރީ 38.3 ޑިގްރީ ސެލްސިއަސްގައެވެ. މާލެ ސަރަހައްދަށް ބަލާއިރު، ހުޅުލެއަށް އިހުސާސްކުރެވޭ ހޫނުމިން ވަނީ 38.1 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ.
ދެކުނުގެ އަތޮޅުތަކަށް ބަލާއިރު، ގދ. ކާޑެއްދޫގައި އިހުސާސްކުރެވޭ ހޫނުމިން 36 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އައްޑޫ ސިޓީ ގަމުގެ ހޫނުމިން ހުރީ 36.1 ޑިގްރީ ސެލްސިއަސްގައެވެ. މެޓް އޮފީހުން ފާހަގަކުރާ ގޮތުގައި އާންމުކޮށް ކޮންމެ ދުވަހަކުވެސް އެންމެ ހޫނުގަދަވާ ކަމަށް ބެލެވެނީ މެންދުރުފަހު 2:00 ހާއިރުއެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ސްޓޭޝަންތަކުން ކޮންމެ ދުވަހަކު ތިން ފަހަރެއްގެ މަތިން ހޫނުމިން ބަލައި އެ މައުލޫމާތު ދަނީ ހިއްސާކުރަމުންނެވެ. އެގޮތުން ހެނދުނު 11:00، މެންދުރުފަހު 2:00 އަދި ހަވީރު 5:00 ގައި މެޓް އޮފީހުގެ ވައިބާ ގްރޫޕް މެދުވެރިކޮށް މި ތަފްސީލްތައް އާންމުންނަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.










