ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭން ބޭރުގެ ގައުމުތަކުގެ ތެރެއިން ވޯޓުފޮށި ބަހައްޓަން ނިންމާފައިވަނީ ހަމައެކަނި ސްރީ ލަންކާ އާއި މެލޭޝިއާގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި އެހެން ގައުމުތަކުގައި ފޮށި ނުބަހައްޓަނީ އެ ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑަށް މީހުން ހަމަނުވާތީކަމަށެވެ. ކޮންމެ ގައުމެއްގައި މަދުވެގެން 2,000 މީހުން ރަޖިސްޓްރީ ކުރަން ޖެހޭއިރު، އެއް ދާއިރާއަކުން ވޯޓުލާ 40 މީހުން އެ ފޮށްޓަކަށް ރަޖިސްޓަރީވާން ޖެހޭނެއެވެ.
ބޭރު ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓުމުގައި އީސީން ދަނީ ހަރަދުތަކަށާއި ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށްޓަކައިއެކަންތަކަށް ރިއާޔަތްކޮށް މަދު ބަޔަކު ވޯޓުލާ ނަމަ ވޯޓުގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު އޮތުމާ އެކު، އެކަމަށް އިސްކަންދީގެން ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް ރީ-ރަޖިސްޓްރޭޝަން މަރުހަލާގައި މީހުންގެ އަދަދަށް އަންނަ ބަދަލަކާ ގުޅިގެން މި ނިންމުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެކޮމިޝަނުން ހާމަކުރައްވާފައިވެއެވެ.
މި އިންތިހާބުގައި 50 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވާއިރު އީސީން ހާމަކުރައްވާ ގޮތުގައި ރިސޯޓުތަކުގައި ފޮށި ބަހައްޓަނީ އެ ރިސޯޓުތަކުގެ މެނޭޖްމަންޓުން އެކަމަށް ބޭނުންވާ ނަމައެވެ.
މި އިންތިހާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، ވޯޓާސް ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.