February 27, 2026
Advertisement
-
- / ތޭރަ އޮންލައިން

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާ މިރޭ ނޯންނާނެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 11, 2026, 07:46 PM
މާލެ ސިޓީ

ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޓައުން ހޯލް ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވުމަށް ހަމަޖެހިފައި އޮތް ޖަލްސާ ނޯންނާނެކަން އެ ޕާޓީން ހާމަކޮށްފިއެވެ.

Advertisement

ކޮންމެ ހަފުތާއަކުވެސް ބާއްވަމުން އަންނަ މި ޖަލްސާތަކަކީ ރައްޔިތުންގެ ބޮޑު ތާއީދެއް ލިބެމުންދާ ޖަލްސާތަކެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ބާއްވާ މި ބައްދަލުވުންތަކަށް ޒުވާނުންނާއި އާންމު ރައްޔިތުންގެ ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.

މި ޖަލްސާތަކުގައި އެންމެ އިސްކޮށް ހުންނަވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ރައީސް ޔާމީން ގެންދަވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ފާޅުގައި ވަކާލާތު ކުރައްވަމުންނެވެ. ޚާއްޞަކޮށް، ސަރުކާރު ޒިންމާދާރު ކުރުވުމަށާއި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނަ ކަންކަމުގައި އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދެއެވެ.

ޕީއެންއެފްގެ ޓައުން ހޯލް ބައްދަލުވުންތަކުގެ ސަބަބުން ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންދާ ކަމަށް ސިޔާސީ މުހައްލިލުން ފާހަގަކުރެއެވެ. ސަރުކާރުން ނިންމާ ބައެއް ނިންމުންތަކުގައި ހުރި ކަންބޮޑުވުންތައް މި ޖަލްސާތަކުގައި ތަފްސީލީ ގޮތެއްގައި ހާމަކުރަމުންދާތީ، އާންމުންގެ މެދުގައި ސަރުކާރަށް އޮތް އިތުބާރު ކުޑަވެ އިތުރަށް ޒިންމާދާރުވުމަށް ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ.

މިރޭގެ ޖަލްސާ ކެންސަލް ކުރި ސަބަބެއް އެ ޕާޓީން ހާމަކޮށްފައި ނުވެއެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތުގައި ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން އެ ޕާޓީން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved