
އެމެރިކާ އަދި އިޒްރޭލުގެ މަދަދާއެކު އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ތާއީދު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.
ނަޝީދު މިފަދައިން ގޮވާލާފައިވަނީ، އީރާންގެ އިގްތިސޯދީ ހާލަތު ގޯސްވެފައި ވާތީ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިރާންގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރަމުންދާއިރު، އެކަން ހުއްޓުވަން އެ ގައުމުގެ ސަރުކާރުން ހަރުކަށީ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ދިއުމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ، އީރާނުގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ކުރަމުންދާ މުޒާހަރާތަކުގައި މުސްލިމް ގައުމެއްގެ ހައިސިއްޔަތުން އެ ގައުމުގެ ރައްޔިތުންނާއެކު ތިބެންޖެހޭ ކަމަށާއި ހިމާޔަތް ކުރަންވީ އެ ގައުމުގެ ސަރުކާރު ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވެފައިވަނީ އީރާނުގެ ރައްޔިތުން ނުކުމެ ތިބީ އެތަކެއް ޒަމާނެއްވެފައިވާ ހިފެހެއްޓުންތަކުން ސަލާމަތްވެ، ދިރިއުޅުމުގެ އަގު އިންތިހާއަށް ގޮސްފައިވާތީ އެކަމުން މިންޖުވާން ކަމަށެވެ.
އީރާނުގެ ރައްޔިތުންނަކީ މުސްލިމުން ކަމަށް ވާއިރު، މުސްލިމުންނާއި ބައިނަލްއަގްވާމީ މުޖުތަމައުއިން ތިބެން ޖެހޭނީ އެ ރައްޔިތުންނާ އެކު ކަމަށާއި އޭގެ ބަދަލުގައި އީރާނުގެ ސަރުކާރު ހިމާޔަތް ކުރުމުގައި ނޫން ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
އީރާންގެ ވިޔަފާރިވެރިން އާދިއްތަ ދުވަހު ފެށި މުޒާހަރާއެކި ސިޓީތަކަށް ފުޅާވެ އާންމުން ވެސް ވަނީ މުޒާހަރާތަކުގައި ބައިވެރިވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އީރާނުގައި ކުރިއަށް ދާ މުޒާހަރާތަކުގައި އެ ގައުމުގެ ސަރުކާރާ އެއްކޮޅަށް ވެސް ބޮޑެތި މުޒާހަރާތައް ދަނީ ކުރަމުންނެވެ.
ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރިއަށް ގެންދަނި ސަހްޔޫނީންނާ އެމެރިކާގެ ވާގިވެރިވުމާ އެކުކަމަށްވެސް ބައެއް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
އީރާންގެ އެކި ސިޓީތަކުގައި މުޒާހަރާކުރާ މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުން ހިނގައި މީހުން މަރުވެފައި ވެެސް ވެއެވެ.
ގާނޫނާ ހިލާފަށް އެއްވެ އުޅުމާއި އަމަންއަމާންކަން ގެއްލުވާލުމާއ މުދަލަށް ގެއްލުން ދިނުމާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ނުކިޔަމަންތެރިވެ، ގާނޫނާ ހިލާފު އެއްވުންތަކަށް ހިތްވަރު ދިނުން ފަދަ އަމަލެއް ހިންގައިފިނަމަ ހަރުކަށި އަދަބު ދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
މުޒާހަރާކުރާ މީހުންނަށް ހަމަލާދޭ ނަމަ، އީރާނަށް ހަމަލާ ދޭނެކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.
މި މުޒާހަރާތައް ބާއްވަން ޖެހުނު މައިގަނޑު ސަބަބަކީ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން އަސާސީ ބޭނުންތައް ފުއްދުމަށް ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުމެވެ. މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުކިޔައި، ފައިސާގެ އަގު ހިފެހެއްޓުމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމުންނެވެ.
އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، އިރާނުގެ ފައިސާގެ އަގު ވެއްޓެން މެދުވެރިވީ އެގައުމާ ދެކޮޅަށް އަޅާފައިވާ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި، ގައުމުގެ އެތެރޭގެ އިގްތިސާދީ މެނޭޖްމަންޓް ބަލިކަށިވުމުގެ ސަބަބުންނެވެ.










