February 27, 2026
Advertisement
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުން އަންނަ މަހު 5 ގައި!
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުން އަންނަ މަހު 5 ގައި! / ރައީސް އޮފިސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުން އަންނަ މަހު 5 ގައި!

Mariyam Isaadha
މަރިޔަމް އިސާދާ
Jan 12, 2026, 12:37 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުން އަންނަ މަހު 5 ގައި އޮންނާނެ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

Advertisement

މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ ފެބްރުއަރީ 5 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި ކަމަށެވެ.

އެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. މިއީ އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާނެވެ. އަދި، މިއީ މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ އަހަރުގެ ފުރަތަމަ ދައުރު ފެށޭ ޖަލްސާއެވެ.

މަޖިލިސް ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގައި ވެސް މަޖިލީހުން އެ އަހަރެއްގެ ފުރަތަމަ ދައުރު ފަށާނީ ފެބްރުއަރީގަ އެވެ. އަދި ކޮންމެ އަހަރެއްގެ ވެސް މަޖިލިސް ހުޅުވާ ޖަލްސާއެއްގައި އޭރަކު ހުންނަވާ ރައީސެއްގެ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ.

މި އަހަރަށް މަޖިލިސް ހުޅުވުމުގެ ޖަލްސާ އަންނަ މަހު 5ގައި ބާއްވަން ތާވަލު ކުރިއިރު، މަޖިލީހުން އަންނަނީ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަމުންނެވެ. މިހާތަނަށް އޭގެ ދެ ޖަލްސާ ވަނީ ބާއްވާފައެވެ.

ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރުން ޖަލްސާތައް ބާއްވާ އެންމެ ބޮޑު ސަބަކަކީ ގާނޫނުއަސާސީ އިސްލާހު ކުރުމެެވެ. ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ހަދައި މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު ޑިސެމްބަރު 2028އަށް ކުރުކުރުމެވެ.

މިދިޔަ އަހަރުގެ މަސައްކަތްތައް ނިންމާލާ މަޖިލީހުން ޗުއްޓީއަށް ދިޔައީ ޑިސެމްބަރު 3، 2025 ގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved