ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގެ ލޯނެއް ދެއްކުމަށްޓަކައި އަނެއްކާވެސް 40 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމާ ގުޅިގެން، ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
މަލީހްގެ އެކްސް ޕޯސްޓުގައި، ސަރުކާރުގެ މާލީ ސިޔާސަތުތަކަކީ އެއްވެސް ތަރުތީބެއް ނެތް، އިސްރާފުން ފުރިގެންވާ ސިޔާސަތުތަކެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެއާޕޯޓުގެ ލޯނު ދައްކަން ދަތިވެގެން އުޅެނީ ގައުމުގެ ފައިސާ ބޭކާރު ކަންކަމަށް އޮއްސަމުންދާތީއެވެ.
ސަރުކާރުގެ ނުކުޅެދުންތެރިކަން އިންތިހާއަށް ގޮސް، ވެލާނާ އެއާޕޯޓުގެ ކޮރަޕްޝަން ފޮރުވުމަށްޓަކައި 40 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއް ނަގަން މަޖުބޫރުވީ، ރައްޔިތުންގެ ފައިސާ ބޭކާރު ކަންކަމަށް އޮއްސަމުންދާތީ ކަމަށް މަލީހް ތުހުމަތުކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގައުމުގެ މާލީ ހާލަތު އިނދަޖެހިފައި ވަނިކޮށް، އެއްވެސް ތަރުތީބެއް ނެތި ބިން ހިއްކުމާއި، ޖިމްތަކާއި ދަނޑުތައް ހެދުމުގެ އިތުރުން، އެމްއޭސީއެލްގެ މެންޑޭޓުގައި ނުހިމެނޭ އަތޮޅުތެރޭގެ އެއާޕޯޓުތައް އެޅުމަށް ހިންގާ މަޝްރޫއުތަކަކީ އިސްރާފުގެ ބޮޑު އޮޅީގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި ބޮޑެތި ޚަރަދުކޮށްގެން ބާއްވާ 'ޑްރޯން ޝޯ' ތަކާއި، އޮފީހަށް ނުކުމެ ފިންގަރ ނުޖަހާ ސިޔާސީ އެކްޓިވިސްޓުންނަށް ބަހާ މުސާރައިގެ ސަބަބުން ދައުލަތް ބަނގުރޫޓުވެ، އެންމެ ފަހުން ލޯނު ދައްކަން ލޯނު ނަގާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް މަލީހް ވަރަށް ހަރުކަށި އިބާރާތުން ފާހަގަކުރެއްވިއެވެ.