ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް ޕީޕީއެމްގެ މިއަދުގެ މިސާލަކީ ދަތް ނެތް ސިންގާއެއްގެ މިސާލު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ
ރައީސް ޔާމީންގެ ތާއީދާއެކު މަޖިލިސް އިންތިހާބަށް ނުކުންނަ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބާއްވަމުން ގެންދާ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔަމީން މިނިވަންނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ކެންޑީޑޭޓުން ގެންދާތީއާ އަދި ޕީޕިއެމް އާ މެދު އިހުމާލުވަމުން ގެންދާތީ ދެއްކެވި ވާހަކަތަކަށް ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ ޕީޕިއެމް އޮތީ ހިސޯރުކޮށްފައި ކަމަށާ މިއަދު ޕީޕީއެމްއަކުން ރާއްޖޭގެ ކަންކަމާ ބަސް ނުބުނާނެ ކަމަށެވެ. އެހެންކަމުން އެ މަސައްކަތުގައި އެމަނިކުފާނަށް އަލަށް ޕާޓީއެއް އުފައްދަވަން މަޖްބޫރުވެ އެ މަސައްކަތްކުރަމުން ގެންދަވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ޕީޕީއެމްއަކީ ޕިއެންއެފޭ ތިޔަ ބޭފުޅުން ހިތްޕުޅަށް އަރަފާނެ. ޕީޕީއެމްއަކީ އޮތް ތަނެއް ނޫން. ނިދާފައި އޮތް ސިންގާއެއް ފަދަ. ދަތެއް ނެތް ދަތް އަޅާކަށް، ޝިކާރައަކަށް ނުނިކުންނާނެ. ކުޑަ ކުޑަ ފުއްލާއެއް މިއުޅެނީ ޕީޕީއެމް ގަންބާލާފަ ނުކުމެގެން.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ އިހުސާންތެރިކަމުން އެމަނިކުފާނު މިނިވަން ކުރައްވާނެކަމުގެ އުއްމިދު އެއްވެސް ރައްޔިތަކު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށާ ނަމަވެސް ގާނޫނީ ފަރުވާ ލިބިގެން އެމަނިކުފާނު ﷲގެ ރަހުމަތާ އެކު މިނިވަންވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.