މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ އެކަށީގެންވާ އަދި ޤާބިލު ކެންޑިޑޭޓަކީ އިސްމާއީލް ޒަރިޔަންދު ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިލެކްޝަނާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މަލީހް ވިދާޅުވި ގޮތުގައި، މާލެ ސިޓީ ކައުންސިލްގެ ހިންގުން އަލުން ތަރުތީބުކޮށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ އިދާރާއަކަށް އެ ކައުންސިލް ބަދަލުކުރުމުގެ ފުރިހަމަ ޤާބިލުކަން ޒަރިޔަންދުގެ ކިބައިގައި އެބަހުރި ކަމަށެވެ.
މި މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ޒަރިޔަންދު ހިމެނިވަޑައިގަންނަވާއިރު، އޭނާއަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕީއެންއެފްގެ ފުރިހަމަ ތާއީދާއެކު ނުކުންނަވާ ކެންޑިޑޭޓެކެވެ.
މާލެ ސިޓީ އަށް ކުރިމަތިލައްވާ މޭޔޯރަލް ކެންޑިޑޭޓުން މިހާރު ތިލަވެފައިވާއިރު ޒަރިޔަންދަކީ އެންމެ ޤާބިލު އެންމެ އެކަށީގެންވާ ކެންޑިޑޭޓްކަން ވަރަށް ސާފު. މާލެ ސިޓީ ކައުންސިލް އަލުން ބަލުން ތަރުތީބުކޮށް ރައްޔިތުންނާއި ގާތުން ހިންގޭނީ ޒަރިޔަންދަށް. މޭޔަރެއްގެ ހުރިހާ ޝަރުތެއް ހަމަވޭ. pic.twitter.com/sjrObuCwpt
— Mohamed Maleeh Jamal (@maleehjamal) January 16, 2026
މަލީހް އިތުރަށް ވިދާޅުވީ، މާލޭގެ ކަންކަން ރަނގަޅު މަގަށް އެޅުވުމަށްޓަކައި މިވަގުތު ތިލަވެފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ތަޖުރިބާކާރު ބޭފުޅަކީވެސް ޒަރިޔަންދު ކަމަށެވެ. މާލެ ސިޓީގެ މޭޔަރާއި ކައުންސިލްގެ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބާއްވާ މި ލޯކަލް ކައުންސިލް އިންތިޚާބަކީ މާލެ އަށާއި އަތޮޅު ތެރޭގެ ތަރައްޤީއަށް ވަރަށް މުހިންމު އިންތިޚާބެކެވެ.
މިއާއި އެކު، އިއްޔެ ވަނީ އެމްޑީޕީގެ ފަރާތުން މާލެ ސިޓީ މޭޔަރަކަށް ވާދަކުރައްވާނެ ކެންޑިޑޭޓްވެސް ޔަގީންކުރެވިފައެވެ. އެއީ މިހާރުވެސް އެ މަގާމުގައި ހުންނެވި އާދަމް އާޒިމެވެ. ނަމަވެސް މި ޕްރައިމަރީއަށް އެ ޕާޓީގެ މެންބަރުންގެ ފަރާތުން ފެނިފައިވަނީ ފިނި ތަރުހީބެކެވެ.