March 15, 2026
Advertisement
-
- / އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 17, 2026, 05:30 PM
މާލެ ސިޓީ

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން ފެބްރުއަރީ މަހުގެ 1 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:30 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި މުއްދަތުގެ ތެރޭގައި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 15:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެހެން އަހަރުތަކުގެ އިންތިޚާބުތަކާ ޚިލާފަށް، މިފަހަރުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ހުރިހާ ލިޔެކިޔުންތަކެއް ހުށަހަޅަންޖެހެނީ ޑިޖިޓަލްކޮށެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ހުރިހާ ލިޔެކިޔުންތަކާއި، އިދާރީ ފީ ދެއްކުން ކުރިއަށްދާނީ އެ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މީގެ އިތުރުން، ހުށަހަޅާ ފޯމުތަކާ މެދު ކޮމިޝަނުން ނިންމާ ގޮތާއި، ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންމެހާ މައުލޫމާތުތައް ވެސް ހިއްސާކުރާނީ އެ ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގެ ވޯޓުލުން އެޕްރީލް 4، ގައި ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު އެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އީސީން އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 11، ވާ ހޮނިހިރު ދުވަހެވެ.

އިންތިޚާބާ ގުޅޭ އިތުރު މައުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ޕޯޓަލް މެދުވެރިކޮށް މިހާރު ލިބެން ހުންނާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved