އިލެކްޝަން ކޮމިޝަން / ސޯޝަލް މީޑިއާ
ހަބަރު
މަޖިލީހުގެ އިންތިހާބުގައި ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އަވަސްކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
07 މާރިޗު 2024
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އަވަސްކޮށްފިއެވެ.

ކުރިން، މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައި އޮތް މަޖިލީހުގެ އިންތިހާބު ރޯދަ މަހާ ދިމާވާތީވެ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ރޯދަ މަހު އިންތިހާބު ނުބޭއްވެ ގޮތަށް ބިލެއް ފާސްކޮށްފައެވެ.

އެއާއެކު އިންތިހާބު ރޯދަ މަސް ނިމިގެން 10 ދުވަސް ފަހުން ބާއްވަން ނިމިފައިވާއިރު އީސީން މިހާރު ކަނޑައަޅާފައިވާ ގޮތުން އިންތިހާބު އޮންނާނީ އަންނަ މަހުގެ 21 ވާ އާދިއްތަ ދުވަހުއެވެ.

އެހެންކަމުން އިންތިހާބު ބާއްވާ ތާރީހު ފަސްވުމުން ވޯޓާސް ލިސްޓަށް ބަދަލުތަކެއް އަންނާނެތީ ރީ-ރެޖިސްޓްރީއަށް އިތުރު ވަގުތު ދިނުމަސް އީސީއިން ނިންމާފައިވެއެވެ.

އެގޮތިން އިތުރަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި، އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެފައިވެއެވެ.

ނަމަވެސް ރީ ރަޖިސްޓްރީކުރަން ލިބޭނީ ތިން ދުވަސް ކަމަށްވާތީވެ، އާއްމުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކުރިން ކަނޑައެޅި ތާރީހަށްވުރެ އަވަހަށް، މި މަހުގެ 10 ވަނަ ދުވަހު ރީ ރަޖިސްޓްރީކުރަން ހުޅުވާލަން އީސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ރީ ރަޖިސްޓްރީކުރަން ހަފްތާއެއްގެ މުއްދަތު ލިބޭނެ ކަމަށެވެ. ރީ ރަޖިސްޓްރީ ކުރުން ހަމަވާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

އީސީން ބުނެފައިވާ ގޮތުން އިންތިހާބު ފަސްކުރުމުން އެ ތާރީހަށް 18 އަހަރު ފުރޭ މީހުން ހިމެނުމުން ކުރިން ލިސްޓުގައި ނެތް 560 މީހަކަށް ވޯޓު ލިބުމުގެ ހައްގު ލިބެއެވެ.

އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު އޭގެ ތެރޭ ހިމެނެނީ 326 ފިރިހެން ކެންޑިޑޭޓުން 42 އަންހެން ކެންޑިޑޭޓުންނެވެ. ވިހި ވަނަ މަޖިލީހަށް 93 ދާއިރާއަކުން މެންބަރުން އިންތިހާބު ކުރާނެއެވެ.

އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން ވާދަކުރާއިރު ހަތް ސިޔާސީ ޕާޓީއަކުން 22 އަންހެނުންނާއި 216 ފިރިހެނުންނާއެކު، ޖުމުލަ 238 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އީސީން މައުލޫމާތުދެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved