March 21, 2026
Advertisement
-
- / އިންޑިއަން އެކްސްޕްރެސް

އިންޑިއާގެ ވެސްޓް ބެންގާލްގައި ނިޕާހް ވައިރަސް ފެތުރެން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 18, 2026, 04:05 AM
މާލެ ސިޓީ

އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓުން ނިޕާހް ވައިރަސް ފެނި، ބަލި ފެތުރެން ފަށާފައިވާތީ އެ ސަރަހައްދުގައި ކަންބޮޑުވުން އުފެދިއްޖެއެވެ.

Advertisement

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވެސްޓް ބެންގާލުން މިހާރު ވަނީ މި ބަލީގެ ފަސް ވޭދަނައެއް ފެނިފައެވެ. މީގެ ތެރޭގައި ހިމެނެނީ ނޯތު 24 ޕަރްގަނާސް ޑިސްޓްރިކްޓްގެ ބަރަސްތުގެ އަމިއްލަ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ފިރިހެން ނަރުހަކާއި އަންހެން ނަރުހެކެވެ. މި ދެ މީހުންގެ ހާލު ސީރިއަސްވެ، މިހާރު ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ.

މީގެ އިތުރުން، ބެލެގަޓާގެ އިންފެކްޝަސް ޑިޒީޒް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ތިން މީހަކުވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ. އެއީ ޑޮކްޓަރަކާއި، ނަރުހެއްގެ އިތުރުން ސިއްހީ ހިދުމަތްތެރިއެކެވެ. މިދިޔަ ހޯމަ ދުވަހު އެ ސްޓޭޓުން ފުރަތަމަ މީހާ ފައްސިވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ ބައްޔަށް ޝައްކުކުރެވޭ 100 އެއްހާ މީހުން ކަރަންޓީނުކޮށްފައެވެ.

ނިޕާހް ވައިރަސް (NiV) އަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންގެ ގަޔަށް އަރާ "ޒޫނޮޓިކް" ވައިރަހެކެވެ. މިއީ އާންމުކޮށް ވާލުގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. އަދި ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ނުވަތަ ބަލި ޖެހިފައިވާ އޫރު ފަދަ ޖަނަވާރުންގެ ފަރާތުންވެސް މި ބަލި އިންސާނުންނަށް ފެތުރެއެވެ.

ބަލީގެ އަލާމާތްތައް:

  • ގަދައަށް ހުން އައުމާއި ބޯ ރިއްސުން.
  • ކެއްސުމާއި ނޭވާލާން އުނދަގޫވުން.
  • ހޮޑުލެވުމާއި މަސްތަކުގައި ރިއްސުން.
  • ބަލި ބޮޑުވާ ހާލަތްތަކުގައި ސިކުނޑިއަށް އަސަރުކޮށް، ފިޓުޖެހުމާއި ހޭނެތުން ފަދަ ކަންކަން ދިމާވުން.

ބަލިން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން:

  • ވާލާއި އެހެނިހެން ވަލު ޖަނަވާރުން ކައިފައި ހުންނަ މޭވާ ބޭނުން ނުކުރުން.
  • މޭވާ ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވުން.
  • ސާފުތާހިރުކަމަށް އިސްކަންދީ، ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވުން.
  • ބަލި ޖެހިފައިވާ މީހުންނާ ގާތްވެ އުޅޭއިރު މާސްކާއި އަތްކުރި ފަދަ ރައްކާތެރި ފިޔަވަޅުތައް އެޅުން.

މި ބައްޔަށް ވަކި ހާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް އަދި ހޯދިފައި ނުވާއިރު، މިއީ މަރުވުމުގެ ފުރުސަތު ބޮޑު ނުރައްކާތެރި ބައްޔެއްކަމަށް ސިއްހީ މާހިރުން އިންޒާރު ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved