ޕިއެންސީގެ ސަރުކާރަކީ ވިޔަފާރި ކުރުމާ ބީރައްޓެހި، ހިންގުން ވެސް ދޯހަޅި ސަރުކާރެއް ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރަކީ ދިވެހި ރައްޔިތުންނަށް ޖެހިފައިވާ އުނދަގޫ މުސީބާތެއް ކަމަށާ މިއީ ވިޔަފާރި ކުރުމާ ވެސް ބީރައްޓެހި، ހިންގުން ދޯހަޅި ސަރުކާރެއް ކަމަށެވެ.
މީގެ އިތުރުން އެތައް ހާސް ބޭކާރު ވަޒީފާތައް ސިޔާސީ މަގާމުތައް އުފައްދާ މީހުން އައްޔަންކޮށްފައިވާއިރު، ސަރުކާރުގެ ވަޒީފާތަކުގައި ތިބީ ޕްރޮޑަކްޓިވް ނޫން މީހުން ކަން ވެސް މަލީހު ފާހަގަކުރައްވާފައެވެ.
މުއިއްޒުގެ މިސަރުކާރަކީ ރައްޔިތުންނަށް ޖެހިފައިވާ ވަރަށް ބޮޑު އުނދަގުލެއް. ވިޔަފާރިއާއި ބީރައްޓެހި. ހިންގުން ދޯހަޅި. ސަރުކާރުގެ ވަޒީފާތަކުގައި ޕްރޮޑަކްޓިވްނޫން އެތައްހާސް ބަޔަކު.
— Mohamed Maleeh Jamal (@maleehjamal) January 17, 2026
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ގައުމުގެ އިގްތިސޯދު އިނދަ ޖެހި ދަރަނިވެސް ދެއްކޭނެ ގޮތް ނެތިގެން ގައުމުގައި ހުރި ހަރުމުދާ ސަރުކާރުން ވިއްކަން ނިންމާފައިވާކަން ވަނީ ހާމަވެފައެވެ.