theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ނެރުނު ކަމުގެ ތުހުމަތުތަކެއް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
19 ޖެނުއަރީ 2026
މާލެ ސިޓީ

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، މާލޭގެ މޭޔަރުކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާއަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

މާލޭގައި ރޭ ބޭއްވި މި ރަސްމިއްޔާތަށް ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުން ގިނަ އަދަދަކަށް ގޮސްފައިވާކަން ފާހަގަކުރެވިފައިވާއިރު، މިއީ އެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ކުރުވި ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޚަބަރު ފެތުރޭ ގޮތުގައި، ކުންފުނިތަކުގެ އިސްވެރިން ވަނީ މުވައްޒަފުންނަށް މި ޖަލްސާއަށް ދިއުމަށް އަންގައި، ހާޒިރީ ބަލާނެ ކަމުގެ ބިރުވެސް ދައްކާފައެވެ.

މިއީ މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ޕީއެންސީން ބޭއްވި ތަފާތު ސިޔާސީ ހަރަކާތްތަކުގައި މީހުން ގިނަކަން ދެއްކުމުގެ ބޭނުމުގައި، ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކޮށްފައިވާ ކަމުގެ ޝަކުވާތައް ވަނީ އާންމުވެފައެވެ.

ސިޔާސީ އެއްވުންތަކަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރުމަކީ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުން ކަމަށް ބުނެ ގިނަ ފަރާތްތަކުން ވެސް ދަނީ ފާޑުކިޔަމުންނެވެ.

މިކަމާ ގުޅޭގޮތުން ސަރުކާރުގެ ނުވަތަ ޕީއެންސީގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައި ނުވާއިރު، އިންތިޚާބާ ދިމާކޮށް މިފަދަ ކަންކަން ހިނގަމުންދާތީ އިންތިޚާބުގެ މިނިވަންކަމާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

މޫސާ އަލީ ޖަލީލަކީ މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ނެރެފައިވާ ކެންޑިޑޭޓެވެ. އޭޕްރިލް 4 ގައި ބާއްވާ މި އިންތިޚާބަކީ މާލޭގެ ތަރައްޤީއާއި ހިންގުމަށް މުހިންމު އިންތިޚާބަކަށް ވާއިރު، ކެމްޕޭންގެ ފޯރި މިހާރު ވަނީ ގަދަވާން ފަށާފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?