March 15, 2026
Advertisement
ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރު ޑރ. އަލީ ހައިދަރު
ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރު ޑރ. އަލީ ހައިދަރު / ރައީސް އޮފިސް

ދަރިވަރުންނަށް ފައިސާ ނުދީ އެކަން ޖާމިނުކުރީ އެ ދަރިވަރުންނާ!

Jan 20, 2026, 01:37 AM
މާލެ ސިޓީ

ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދެވި ލަސްވަނީ ދަރިވަރުންގެ ސަބަބުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

Advertisement

އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ގެނެސްދެއްވާ ޕޮޑްކާސްޓުގައި ހައިދަރު ވިދާޅުވީ ދަރިވަރުންނަށް ފައިސާ ދޫނުކުރެވި ދިގުލައިގެންދާ މައިގަނޑު ސަބަބަކީ މިނިސްޓްރީއަށް ބޭނުންވާ ބައެއް ލިޔުންތައް ދަރިވަރުންގެ ފަރާތުން ނުލިބުމުން ކަމަށެވެ.

ހައިދަރު ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު 75 ޕަސަންޓަށްވުރެ ގިނަ ދަރިވަރުންނަށް އެ ފައިސާ ދޭން އޮންނަ މުއްދަތުގައި ފައިސާ ދެވިފައިވާ ކަމަށެވެ. ބައެއް ދަރިވަރުން ފޮނުވަން ޖެހޭ ލިޔުންތައް ނުފޮނުވުމުގެ ސަބަބުން ފައިސާ ދޫކުރުން އަށް ހަފްތާއަށް ދިގުލައިގެން ގޮސްފައި އެބަހުރި ކަމަށާއި އުސޫލުން ބޭރުން އެއްވެސް ދަރިވަރަކަށް ފައިސާ ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ދަރިވަރު މިހާރު ވެސް ކިޔަވަމުން ދޭތޯއާއި ފޯރުކޮށްދިން މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ތެރޭގައި މައްސަލައެއް ދިމާވެއްޖެނަމަވެސް ފައިސާ ފޮނުވުން ލަސްވާކަމަށް ހައިދަރު ވިދާޅުވި އެވެ.

ހަމައެހެންމެ ފައިސާ ފޮނުވަން ހަފުތާއަކަށް ވެފައި އޮތް ދަރިވަރުން ފޯމު ހުށަހަޅާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެހެންވެ، ބައެއް ފަހަރަށް ލަސްވާކަން ފާހަގަކުރައްވައި، ހައިދަރު ވަނީ ވީ އެންމެ އަވަހަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ހައިދަރު މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖެއިން ބޭރުގައި މަތީތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީ ދިގުލައިގެންދާ މައްސަލަ ބައެއް ދަރިވަރުން މިދިޔަ އަހަރު ސޯޝަލް މީޑިއާއަށް ތިރިކޮށްފައިވެއެވެ.

ހަޔާ އެޑިކޭޝަން މިނިސްޓްރީއަށް އެކަމާއި ގުޅިގެން ފޮނުވާ މެއިލްތަކާއި ފޯންކޯލްތަކަށް ޖަވާބު ނުދޭކަމަށް ވެސް ގިނަ ދަރިވަރުން ވަނީ މީގެ ކުރިން ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved