ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމައިފި އެވެ.
އަންގާރަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނިންމީ އިންތިހާބުގައި ހަމައެކަނި އދ. މާމިގިލި ދާއިރާއަށް ވާދަކުރުމަށެވެ. އެއީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިސްބަތްވެވަޑައިގަންނަވާ ދާއިރާ އެވެ.
ޖޭޕީގެ ކައުންސިލުން ނިންމީ އިންތިހާބުގައި އެހެން ދާއިރާއަކަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށެވެ.
ޖޭޕީގެ މި ނިންމުމުގެ ފަހަތުގައި ބައިވަރު ކަންތައްތަކެއްވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރިޔާސީ އިންތިޚާބުގެ ތެރެއިން ގާސިމަކީ ރައިސް މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވި މީހެކެވެ. ނަމަވެސް ފަހުން ގާސިމް ވަނީ މުއިއްޒަށް ސަނާ ކިޔާފައެވެ. މުއިއްޒުހާ ހިތްތިރި ރައީސަކު ނުދެކޭކަމަށް ގާސިމް ވިދާޅުވީ މާމިގިލިއަށް މުއިއްޒު ވަޑައިގަތުމުން ބޭއްވި ޖަލްސާގައެވެ؛.
މައުލޫމާތު ލިބުނު ގޮތުގައި މުއިއްޒަށް ގާސިމް ސަނާކިޔާފައި ވަނީ ގާސިމްގެ ކުންފުންޏަށް ފައިދާވާ ގޮތަކަށް ރައީސް އޮފީހުން ކަންތައްތަކެއް ނިންމުމުންނެވެ.