March 21, 2026
Advertisement
-
- / މިޑްލް އީސްޓް މޮނީޓަރ

މިސްކިތަކަށް ހަމަލާދޭން އިޝާރާތުން ގޮވާލި ހިންދޫ ލީޑަރެއްގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 22, 2026, 06:08 AM
މާލެ ސިޓީ

އިންޑިއާގެ ހަރުކަށި ހިންދޫ ލީޑަރެއް ކަމަށްވާ ޔަތީ ނަރްސިންގަނަންދު، މިސްކިތަކަށް ހަމަލާދީ އެތަން ސުންނާފަތިކޮށްލުމަށް އިޝާރާތުން ގޮވާލި މައްސަލައެއް ފެންމަތިވެ، ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން މިކަމަށް ހުއްޓިއްޖެއެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައި އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ބޭއްވި ދީނީ އެއްވުމެއްގެ ތެރޭގައެވެ. މި އެއްވުމުގައި ވާހަކަދައްކަމުން، ދަސްނާ ދޭވީ ފައްޅީގެ އިސް ފާދިރީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ޔަތީ ނަރްސިންގަނަންދު ވަނީ މުސްލިމުންގެ މުގައްދަސް ބިނާއެއް ކަމަށްވާ މިސްކިތަކަށް އިޝާރާތްކޮށް، އެތަން ނައްތާލުމަށް އޭނާގެ ތަބާވީންނަށް ހިތްވަރުދީފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ، އިންޑިއާގެ ހަރުކަށި ހިންދޫ ޖަމާއަތްތަކުން އެ ގައުމުގައި ހުރި ގަދީމީ މިސްކިތްތަކަކީ ހިންދު ފައްޅިތައް ހުރި ބިންތަކެއް ކަމަށް ބުނެ ފަތުރަމުންދާ ފިތުނަވެރި ރޭވުންތަކުގެ ތެރެއިންނެވެ. ނަރްސިންގަނަންދު އަކީ މީގެ ކުރިންވެސް އިސްލާމްދީނަށާއި މުސްލިމުންނަށް ފުރައްސާރަކޮށް، އަނިޔާވެރިކަމަށް ހިތްވަރުދޭ ވާހަކަދައްކައިގެން އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ.

މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އިސްލާމީ ގައުމުތަކުގެ އެކި ޖަމިއްޔާތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ އިދާރާތަކުން ދަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، މިފަދަ އަމަލުތަކަކީ ދީނީ ނުތަނަވަސްކަން އުފައްދައި، މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކަށް މަގުފަހިކުރުވާ ކަންކަމެވެ.

މި މައްސަލައިގައި ދުނިޔޭގެ ސަމާލުކަން އިތުރުވެފައިވަނީ، އިންޑިއާގައި މުސްލިމުންގެ ދީނީ މިނިވަންކަމަށް ހުރަސްއެޅި، މިސްކިތްތަކަށް ދޭ ހަމަލާތައް ފަހަކަށް އައިސް އިތުރުވަމުންދާތީއެވެ. ގިނަ ގައުމުތަކަކުން ދަނީ އިންޑިއާ ސަރުކާރަށް މިފަދަ ހަރުކަށި ލީޑަރުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

މި ހާދިސާއާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. ނަމަވެސް، މުސްލިމުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިފަދަ ލީޑަރުންނާ މެދު އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ފަސްޖެހެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved