
މާލޭ ސަރަޙައްދުގައި ތިން ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ މަޝްރޫޢު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ސަރުކާރުން ހަވާލުކުރުމާ ގުޅިގެން، ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީޙް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މަލީޙް ވަނީ މި ސަރުކާރުގެ ހިންގުމުގެ ނިޒާމާ މެދު ސުވާލު އުފައްދަވާފައެވެ. އޭނާ ސުވާލު ކުރެއްވި ގޮތުގައި، އެމްއޭސީއެލް އަކީ މި ސަރުކާރުން ބޭނުންހާ އިރަކު "ކިރުފެލަން" ގެންގުޅޭ ގެރިއެއްތޯ ސުވާލު އުފައްދާފައެވެ.
މަލީޙް އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރަންޖެހޭ ކަންކަމާއި ހިންގަންޖެހޭ މަޝްރޫޢުތަކަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރަންޖެހޭ ކަންކަން ކަމަށެވެ. ކުންފުނިތަކުގެ އާމްދަނީއަށް އަތްބާާނައިގެން، ބަޖެޓުން ބޭރުން މިފަދަ ކަންކަން ކުރުމަކީ ބޮޑެތި ގޯސްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަލީހްގެ ޕޯސްޓްގައި އެމްއޭސީއެލް އާއި ސަރުކާރަކީ ވަކި ދެ ޝަޚުސެއްކަން ފާހަގަކުރައްވައި، ކުންފުނިތަކުގެ ހިންގުމުގެ މިނިވަންކަމަށް ސަރުކާރުން ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ މަޝްރޫޢުތައް ކުރިއަށް ގެންދަންވާނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކޮށްގެން ކަމަށާއި، އެއީ "ގެރީގެ ކިރަކުން" ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
މާލޭގެ ތިން ސަރަޙައްދެއްގައި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް އެމްއޭސީއެލް އާ ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުންނެވެ. ނަމަވެސް، ގިނަ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ކުންފުނިތަކުގެ މާލީ ހާލަތަށް ބެލުމެއް ނެތި، ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ކުންފުނިތަކުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު، މިއީ ގާނޫނީ ގޮތުންނާއި އުސޫލީ ގޮތުން ގިނަ ސުވާލުތަކެއް އުފެދިފައިވާ މައްސަލައެއްކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.










